23 އޮކްޓޫބަރު 2025

ރައީސުލްޖުމްހޫރިއްޔާއާއި ފީފާގެ ރައީސް ބައިވެރިވާ ފުޓްބޯޅަ މެޗު މާދަމާ ހަވީރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، އަޙްމަދު ޠާރިޤްގެ ދައުވަތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުކުރުދުވަހު މާލެއަށް ކުރައްވާ ޒިޔާރަތުގެތެރެއިން ބާއްވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ފުޓްބޯޅަ މެޗެއް މާދަމާ އޮންނާނެ ކަމަށް ހާމަކޮށްފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤްގެ ދައުވަތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުކުރު ދުވަހު މާލެއަށް ޒިޔާރަތް ކުރައްވާނެއެވެ. މި ޒިޔާރަތަކީ އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.

މި ޒިޔާރަތުގެ ވަގުތު ތެރޭގައި ބާއްވާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ފުޓްބޯޅަ މެޗެއް އިންފަންޓީނޯ ކުޅުއްވާނެއެވެ. މި މެޗު އޮންނާނީ ހަވީރު 4:00 އިން 6:00 އަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި އޮންނަ އިވެންޓުގައި ރާއްޖޭގެ އެކަޑަމީތަކާއި ކުލަބުތަކުގެ ޒުވާން ކުޅުންތެރިންވެސް ފުޓްބޯޅައިގެ ހުނަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސް މުޢިއްޒާއާއި ފީފާގެ ރައީސް ބައްދަލުކުރައްވާ، ރާއްޖޭގެ ފުޓްބޯޅައިގެ ދާއިރާ ތަރައްޤީކުރެއްވުމާއި ގުޅޭ މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާނެއެވެ.

މީގެ އިތުރުން މި ޒިޔާރަތުގައި އިންފަންޓީނޯ ރާއްޖޭގެ ކުލަބުތަކުގެ ވެރިންނާވެސް ބައްދަލުކުރައްވާނެއެވެ. އަދި އޭނާ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާއި، ވަސީލަތްތަކުގެ ހުރިގޮތާއި، އެހެނިހެން ކަންކަން އޮޅުންފިލުއްވާނެއެވެ.

ފީފާގެ ރައީސްގެ މި ދަތުރުފުޅު ވެގެންދާނީ ރާއްޖޭގެ ފުޓްބޯޅައަށް އަލުން ދިރުން ގެނެސް، ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ކުރާ މަސައްކަތަށް އިތުރު ހިތްވަރަކަށެވެ. އަދި އެފްއޭއެމްގެ ހިންގުން ހަރުދަނާވުމަށާއި، ކުލަބުތަކުގެ މާލީ ނިޒާމު ހަރުދަނާކޮށް، ކުޅުންތެރިންނަށް ލިބެންޖެހޭ ހައްޤުތައް ހޯދައިދީ، ހުނަރުވެރި ކުޅުންތެރިން ފުޓްބޯޅައިގެ ތެރޭގައި ހިފެހެއްޓުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒާއި އިންފަންޓީނޯ ކުޅުއްވާ ފުޓްބޯޅަ މެޗު ޕީއެސްއެމްއިން ވަގުތުން ގެނެސްދޭނެއެވެ. އަދި މި ޚާއްސަ ދަތުރުގެ ލައިވް ކަވަރޭޖް ހުކުރު ދުވަހު ހެނދުނުން ފެށިގެން ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެފްއޭއެމްގެ ރައީސް ވަނީ ގަލޮޅު ދަނޑުގައި ހަވީރު އޮންނަ ހަރަކާތްތަކަށް ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ދައުވަތު ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު