29 ޑިސެންބަރު 2025
ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމުގެ %70 މަސައްކަތް ނިމުން، ފޮޓޯ: އެމްޓީސީސީ

ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމުގެ %70 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ށ.ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލުމުގެ %70 މަސައްކަތް ނިމިފައިވާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެރަށުގެ ތަރައްޤީއަށް އިތުރަށް ބިން ހަމަޖެއްސުމަށް، ރަށާއި އިންވެގެން އޮންނަ މަތި ކޮމަންޑޫއިން 16.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް 2023ވަނަ އަހަރު ވަނީ، ކުރިއަށް ގެންގޮސްފައެވެ. ކޮންމަންޑުއާއި މަތި ކޮމަންޑޫ ގުޅާލަނީ، ކޯޒުވޭއަކުންނެވެ.

ށ.ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލުމަށް 200 މީޓަރުގެ ކޯޒުވޭއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ، ކުރަމުންނެވެ. މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވީ، ކޯޒުވޭގެ ކޮންކްރީޓް މަސައްކަތްތަކުގެ ބޮޑުބައި ނިމިފައިވާއިރު، މުޅި މަސައްކަތުގެ %70 ނިމިފައިވާ ކަމަށެވެ.

މި މަސައްކަތުގެ ތެރޭގައި ހިއްކި ސަރަޙައްދު ޙިމާޔަތް ކުރުމާއި ގުޅޭ ބައެއް މަސައްކަތްތައްވެސް ހިމެނެއެވެ. މި މަޝްރޫޢުގައި ދެން ހިމެނެނީ، ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތެވެ. އަދި 1520 މީޓަރުގެ ބޮޑު ހިލައިގެ ތޮށިލުމާއި، ޖުމުލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި މަތިކޮމަންޑޫގައި 112 މީޓަރުގެ ޖީއޯބޭގު ތޮށި ޤާއިމްކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރާނެއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ، ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މީގެ އިތުރުން، ށ.ކޮމަންޑޫގައި އެއަރޕޯޓެއް ތަރައްޤީ ކުރުމަށް ސަރުކާރުން ވަނީ، ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފަވަނީ، އެއަރޕޯޓު މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 48.8 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު