އާންމު ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތަށް 407 ޑްރައިވަރުން ހޯދުމަށް އިއުލާން ކުރުމުން، އެކަމަށް 366 މީހުން ކުރިމަތިލާފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ފުލްޓައިމްކޮށް މަސައްކަތް ކުރުމަށް އެދި ހުށަހެޅި 188 މީހުންނާއި ޕާޓްޓައިމްކޮށް މަސައްކަތް ކުރުމަށް އެދި ހުށަހެޅި 178 މީހުން ހިމެނެއެވެ.
މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ހިދުމަތަށް ނެރުމަށް ހަމަޖެހިފައިވަނީ 100 އިލެކްޓްރިކް އުޅަނދެވެ. މީގެ ތެރޭގައި މާލޭގެ ހަނި ގޯޅިތަކަށް ވަދެވޭ ފަދަ ކުދި އުޅަނދުތައް ވެސް ހިމެނޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.
މި ހިދުމަތް މިއަހަރުގެ ޖުލައި މަހު ފެށުމަށް ކުރިން އުންމީދު ކުރި ނަމަވެސް، މިހާރު ބެލެވޭ ގޮތުގައި ހިދުމަތް އަމަލީ ގޮތުން ފެށޭނީ އަންނަ އަހަރުގެ ތެރޭގައެވެ. ޑްރައިވަރުން ހޮވުމުގައި މިހާރު ޓްރާންސްޕޯޓް މިނިސްޓްރީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އިސްކަން ދިނުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުން މި ހިދުމަތް ތައާރަފް ކުރަން ނިންމީ މާލޭގައި ގިނަ އަދަދެއްގެ ޓެކްސީތައް ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް، އާންމުންނަށް ޓެކްސީ ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭތީއެވެ. މި އާ ހިދުމަތް ފަރުމާކޮށްފައިވަނީ ބޭރު ގައުމުތަކުގައި ބޭނުންކުރާ އޫބާ އަދި ގްރެބް ފަދަ ޒަމާނީ ނިޒާމުތަކާ އެއްގޮތަށެވެ.



