ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމަށް ބޮޑު ބަދަލެއް ގެނައުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. މި ބަދަލާއެކު، 2027 ވަނަ ދިރާސީ އަހަރުން ފެށިގެން ސްކޫލްތަކުގައި ހަތަރު ކުލައިގެ ޔުނިފޯމް ބޭނުންކުރަން ފަށާނެއެވެ. މި ބަދަލުތަކާ ގުޅޭ ސާކިއުލާއެއް މިއަދު ސްކޫލްތަކަށް ފޮނުވާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވާ ގޮތުގައި، ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމް ބަދަލުކުރަން ހަމަޖައްސާފައި ވަނީ ފެއްސާއި، ރަތާއި، ހުދުގެ އިތުރުން ނޫ ކުލައެވެ. މީގެ ތެރެއިން، ސްކޫލްތަކަށް އެ ސްކޫލަކުން ބޭނުންވާ ކުލައެއް ހޮވުމުގެ އިޚްތިޔާރު ލިބިގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ޔުނިފޯމަށް ގެންނަ ބަދަލުގެ ދަށުން، ސްކޫލްތަކަށް އެ ސްކޫލަކުން ބޭނުންވާ ކުލައަކަށް ޔުނިފޯމުގެ މަތި ނުވަތަ ގަމީހުގެ ކުލަ ކަނޑައެޅިދާނެއެވެ. ނަމަވެސް، ޔުނިފޯމްގެ ތިރީ ބައި (ސޯޓު ނުވަތަ ސްކާޓް) ހުންނަން ޖެހޭނީ ކަޅު ނުވަތަ ގަދަ ނޫ ކުލައިގައެވެ. މިއީ ސްކޫލްތަކުގެ ޔުނިފޯމްގައި އެއްގޮތްކަމެއް ބެހެއްޓުމަށް ގެނެވޭ ބަދަލެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެވެ.
މީގެ އިތުރުން، ރަސްމީ ޔުނިފޯމުގެ އިތުރުން އެކްޓިވިޓީ ޔުނިފޯމަށް ވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތަކުގެ ތަފްސީލު މިއަދު ސްކޫލްތަކަށް ފޮނުވާ ސާކިއުލާގައި ހިމެނޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. މި ބަދަލުތައް މުޅިން ތަންފީޒުކުރަން ފަށާނީ 2027 ވަނަ ދިރާސީ އަހަރުން ފެށިގެންނެވެ.



