ވެންޓިލޭޓަރުގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާ ކުރުމަށްޓަކައި އަލުން މަސައްކަތްތައް ފެށިގެން ކުރިއަށްދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ. އޭނާ މިކަން ހާމަކުރެއްވީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އޭސީސީގެ ރައީސް ޝާމިލް ވިދާޅުވީ، އެ މުއައްސަސާ މިނިވަންވެގެންދިޔައީ 2008 ވަނަ އަހަރުގައިކަމަށާއި، ރާއްޖޭގައި މާލީ މައްސަލަތައް ތަހުގީގުކުރަންވެސް އަލަށް ފެށިގެން އައީ އެ ދުވަސްވަރުގައިކަމަށް ވިދާޅުވިއެވެ. އޭރު މާރާމާރީތައް ތަހުގީގު ކުރެވޭކަމަށާއި، ހިޔާނާތުގެ އެކި ބާވަތްތަކުގެ ތަހުގީގުތައް ހިނގަމުންދިޔަކަމަށް ފާހަގަކުރެއްވިއެވެ. އަދި އެމްއެންޑީއެފްގެ ތެރެއިން ފުލުހުންގެ މުއައްސަސާ ވަކިވެ ތަހުގީގުތައް ފުޅާވެގެންދިޔަކަމަށާއި، ބަދަލުތަކާއިއެކު ވަރަށް ބޮޑެތި ކުރިއެރުންތައް ހާސިލުވެގެންދިޔަކަމަށް އަލިއެޅުއްވިއެވެ.
ޝާމިލް ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތަކުގައި މާލީ ނަޒަރިއްޔާއަކުން ތަހުގީގުތައް ކުރެވިގެންދިޔައީ މީގެ 17 ވަރަކަށް އަހަރު ކުރިންކަމަށެވެ. ފާއިތުވި 17 އަހަރުގެ މަސައްކަތްތަކަށް ބަލާއިރު 10،117 ތަހުގީގެއް ހިންގިފައިވާކަމަށާއި، އެހެންކަމުން އަހަރެއްގެ މައްޗަށް 595 މައްސަލައެއް ތަހުގީގުކުރެވިފައިވާކަން ފެނިގެންދާކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ފައިނޭންޝަލް އިންވެސްޓިގޭޝަންތައްކަމަށާއި، މަސައްކަތްތައް ފެށުނީ 2008 ގައި ނަމަވެސް ފުރަތަމަ 7 އަހަރެއްހާ ދުވަސް އެ މަސައްކަތްތައް އޮތީ ޅަފަތުގައިކަމަށް ވިދާޅުވިއެވެ. އަދި ރަނގަޅަށް މަސައްކަތްތައް ކުރިއަރައިގެން އައިސްފައިވަނީ އެހިސާބަށްފަހުކަންވެސް އިޝާރާތްކުރެއްވިއެވެ.
އޭސީސީއިން 432 މައްސަލައެއްގައި ޕްރޮސެކިއުޓަރުންނާއި މަޝްވަރާކުރެވިފައިވާކަމަށް ޝާމިލް ވިދާޅުވިއެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ޕްރޮސިކިއުޝަނަށް އެކުލަވާލެވުނު ނިޒާމުގެ ދަށުން ސީދާ ގޮތެއްގައި އެއްވެސް މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ފޮނުވުމުގެ ފުރުސަތު ނެތްއިރު އެކަން ކުރެވެނީ ޕްރޮސެކިއުޓާރ ޖެނެރަލްގެ ހުއްދައާއިއެކުކަންވެސް ހާމަކުރެއްވިއެވެ.
ނަމަވެސް އެއްބަސްވުމަކަށް އައިސް ފޮނުވަން ބުނުމުން އެގޮތަށް އަމަލުކުރިނަމަވެސް ދައުވާކޮށްދީފައި ނުވާ ހާލަތްތައް ހުރިކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ. ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައަކީ އެކަމުގެ ރަނގަޅު މިސާލެއްކަމަށާއި، އެތައް ފަހަރެއްގެ މަތިން އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާއިރު އަދިވެސް ދައުވާކުރެވިފައިނުވާކަމަށް ވިދާޅުވިއެވެ. މިހާރު އަލުން އެ މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދާކަންވެސް ޝާމިލް ހާމަކުރެއްވިއެވެ.



