15 ޑިސެންބަރު 2025
އިންތިޚާބެއްގައި އޮފިޝަލުން ޙަރަކާތްތެރިވަނީ، ފޮޓޯ: އީސީ

ލޯކަލް ކައުންސިލް އިންތިޚާބު: އާބާދީއަށް ބަލައި ކައުންސިލަރުންގެ އަދަދު ކަނޑައަޅައި ދާއިރާތައް އިއުލާންކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފިއެވެ. މި ރިޕޯޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މި ދެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.

ވަގުތީ ރިޕޯޓުގައިވާ ގޮތުން، ރަށު ކައުންސިލްތަކަށް ޖުމުލަ 629 ކައުންސިލަރުން އިންތިޚާބުކުރަންޖެހޭއިރު، ދާއިރާތަކުގެ ޖުމުލަ އަދަދަކީ 179 އެވެ. ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބުކުރަންޖެހޭއިރު، ސިޓީތަކުގެ ދާއިރާތަކުގެ އަދަދަކީ 47 އެވެ. މީގެ އިތުރުން، ރަށްރަށުގެ ޑަބްލިޔުޑީސީތަކަށް 629 މެންބަރުންނާއި، ސިޓީތަކުގެ ޑަބްލިޔުޑީސީތަކަށް 52 މެންބަރުން އިންތިޚާބުކުރަންޖެހެއެވެ.

ޖުމުލަ ގޮތެއްގައި، ލޯކަލް ކައުންސިލްތަކަށް 226 ދާއިރާ އިންތިޚާބުކުރަންޖެހޭއިރު، ޖުމުލަ 681 ކައުންސިލަރުން އިންތިޚާބުކުރަންޖެހެއެވެ. ޑަބްލިޔުޑީސީއަށް ވެސް 681 މެންބަރުން އިންތިޚާބުކުރަންޖެހޭއިރު، ދެ އިންތިޚާބަށް ޖުމުލަ 1362 މީހުން އިންތިޚާބުކުރަންޖެހެއެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ޤާނޫނުތަކަށް ގެނައި އިޞްލާޙުތަކާ ގުޅިގެން، 2000 މީހުންނަށްވުރެ ކުޑަ އާބާދީ ހިމެނޭ ރަށްރަށަށް 3 ކައުންސިލަރުންނާއި، 2000 މީހުންނަށްވުރެ ބޮޑު އާބާދީ ހިމެނޭ ރަށްރަށަށް 5 ކައުންސިލަރުން އިންތިޚާބުކުރާނެއެވެ. އަދި މި އިންތިޚާބަށްފަހު އަތޮޅު ކައުންސިލްތައް އުވައިލެވޭނެއެވެ. މީގެ އިތުރުން، ފުރަތަމަ ފަހަރަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއަށް ވަކި ކައުންސިލްތަކެއް ލިބިގެންދާނެއެވެ.

އާބާދީ 2000 އަށްވުރެ ކުޑަ 133 ރަށުގައި 3 ކައުންސިލަރުން (ކައުންސިލްގެ ރައީސް އަދި 1 އަންހެން ކައުންސިލަރު ހިމެނޭ ގޮތަށް) އިންތިޚާބުކުރާނެއެވެ. މި ރަށްރަށުގެ ޑަބްލިޔުޑީސީއަށް ވެސް 3 މެންބަރުން އިންތިޚާބުކުރާނެއެވެ. 5 ކައުންސިލަރުން ތިބޭނީ 46 ރަށެއްގައި (ކައުންސިލްގެ ރައީސް އަދި 2 އަންހެން ކައުންސިލަރުން ހިމެނޭ ގޮތަށް) ކަމަށް ރިޕޯޓުގައިވެއެވެ. މި ރަށްރަށުގެ ޑަބްލިޔުޑީސީއަށް ވެސް 5 މެންބަރުން އިންތިޚާބުކުރާނެއެވެ. އީސީން އާބާދީ ކަނޑައަޅާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަށްރަށުގައި ތިބި އާބާދީއަށް ބެލުމަށްފަހުއެވެ.

ސިޓީތަކުގެ ތަފްސީލަށް ބަލާއިރު، ކުޅުދުއްފުށި ސިޓީ (އާބާދީ: 11110) އާއި ތިނަދޫ ސިޓީ (އާބާދީ: 10453) އަށް ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްގެ މޭޔަރާއި އަންހެން މެންބަރު ހިމެނޭ ގޮތުން 7 ގޮނޑި އިންތިޚާބުކުރެވޭނެއެވެ. ސިޓީ ކައުންސިލަށް އިންތިޚާބުކުރާ 6 މެންބަރުންގެ ތެރޭގައި 2 އަންހެން ކައުންސިލަރުން ހިމެނެންޖެހެއެވެ. މި ދެ ސިޓީގެ ޑަބްލިޔުޑީސީއަށް ވެސް 7 މެންބަރުން (ރައީސް އަދި 6 ދާއިރާއިން 1 މެންބަރު) އިންތިޚާބުކުރަންޖެހެއެވެ.

ފުވައްމުލައް ސިޓީގެ (އާބާދީ: 13802) އާބާދީއަށް ބަލާއިރު، އެ ސިޓީއަކީ އެއްފަސްކޮށް އޮތް 8 އަވަށުގެ މައްޗަށް އެކުލެވޭތީ، ކޮންމެ އަވަށަކަށް 1 ގޮނޑި ޖެހޭ ނިސްބަތުން، ކައުންސިލްގެ މޭޔަރާއި އަންހެން މެންބަރުން ހިމެނޭ ގޮތުން 9 ގޮނޑި އިންތިޚާބުކުރެވޭނެއެވެ. ކައުންސިލަށް އިންތިޚާބުކުރާ 8 މެންބަރުންގެ ތެރޭގައި 3 އަންހެން ކައުންސިލަރުން ހިމަނަންޖެހެއެވެ. ފުވައްމުލައް ސިޓީގެ ޑަބްލިޔުޑީސީއަށް ވެސް ކައުންސިލަށް އިންތިޚާބުކުރާ އަދަދަށް (ރައީސާއި 10 މެންބަރުން) އިންތިޚާބުކުރާނެއެވެ.

އައްޑޫ ސިޓީގެ (ގުޅިފައިވާ ރަށްތަކުގެ އާބާދީ: 28,800) އިންތިޚާބަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހުޅުދޫއާއި މީދޫ ވަކި ދެ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވުމާއެކު، އައްޑޫ ސިޓީއަށް ކައުންސިލްގެ މޭޔަރާއި އަންހެން މެންބަރު ހިމެނޭ ގޮތުން 11 ގޮނޑި (މޭޔަރާއި 10 މެންބަރުން) އިންތިޚާބުކުރެވޭނެއެވެ. ކައުންސިލަށް އިންތިޚާބުކުރާ 10 މެންބަރުންގެ ތެރޭގައި 3 އަންހެން ކައުންސިލަރުން ހިމެނެންޖެހެއެވެ. އައްޑޫ ސިޓީގެ ޑަބްލިޔުޑީސީއަށް ވެސް ކައުންސިލަށް އިންތިޚާބުކުރާ އަދަދަށް (ރައީސާއި 10 މެންބަރުން) އިންތިޚާބުކުރާނެއެވެ.

މާލެ ސިޓީގެ ޖުމުލަ އާބާދީއަކީ 83,813 މީހުންނެވެ. މާލެ ސިޓީ ކައުންސިލް އެކުލެވިގެންވަނީ މޭޔަރާއި، ޤާނޫނުގެ ދަށުން އިންތިޚާބުކުރެވޭ އަންހެން މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހަށް މާލެއަށް ކަނޑައަޅާފައިވާ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ ގޮނޑީގެ ނިސްބަތުން އިންތިޚާބުކުރެވޭ މެންބަރުންގެ މައްޗަށެވެ.

2024 ވަނަ އަހަރު އިންތިޚާބުކުރި ރައްޔިތުންގެ މަޖިލީހަށް މާލެ ސިޓީއަށް ކަނޑައަޅާފައިވާ 17 ދާއިރާއިން، ކޮންމެ ދާއިރާއަކުން މެންބަރަކާއި މޭޔަރު ހިމެނޭހެން، މާލެ ސިޓީ ކައުންސިލަށް ޖުމުލަ 18 މެންބަރުން އިންތިޚާބުކުރެވޭނެއެވެ. ސިޓީ ކައުންސިލަށް އިންތިޚާބުކުރާ 17 މެންބަރުންގެ ތެރޭގައި 6 އަންހެން ކައުންސިލަރުން ހިމެނެންޖެހޭނެއެވެ.

ވުމެންސް ޑިވެލޮޕްމަންޓް ކޮމިޓީ (ޑަބްލިޔުޑީސީ) އަށްވެސް އިންތިޚާބުކުރާނީ ކައުންސިލަށް އިންތިޚާބުކުރާ އަދަދަށް، އެބަހީ ރައީސާއި 17 މެންބަރުންނެވެ.

ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެ މަތިން ރަށު ކައުންސިލްގެ ނައިބު ރައީސުންނާއި ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުން އިންތިޚާބުކުރާނީ ކައުންސިލްގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. ޝަކުވާ ހުށައެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށާއި، ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ. ޝަކުވާ ހުށައެޅޭނީ އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ނުވަތަ ކޮމިޝަނުގެ މެއިލް މެދުވެރިކޮށެވެ.

ލޯކަލް ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބަކީ ކޮންމެ ފަހަރަކުވެސް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބުކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު