ޖެހިޖެހިގެން ދެ އަހަރު ސްޕެނިޝްކަޕް ބާސާއަށް

ރެއާލް މެޑްރިޑް ބަލިކޮށް ޖެހިޖެހިގެން ދެ އަހަރު ސްޕެނިޝްކަޕްގެ ޗެމްޕިއަންކަން ބާސެލޯނާ ހޯދައިފިއެވެ. އާދީއްތަ ދުވަހުގެރޭ ސަޢުދީ އަރަބިއްޔާ ޖިއްދާގެ ކިންގް ޢަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅުނު ސްޕެނިޝްކަޕްގެ ފައިނަލުގައި ބާސާ މޮޅުވީ 3 ލަނޑު 2 ލަނޑުންނެވެ.

60000 އެެއްހާ މީހުންގެ ކުރިމަތީގައި ކުޅުނު ފައިނަލްގެ ފުރަތަމަ ގޯލު ޖެހީ 36 ވަނަ މިނެޓްގައި ފާމިން ލޮޕޭޒް ދިން ބޯޅައަކުން ރަފީނާއެވެ. ބާސާއިން ގޯލެއް ޖަހާފައިވަނިކޮށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރެއާލްގެ ވިނީޝަސް މޮޅު ކުޅުމާއެކު ބާސާގެ ތިން ޑިފެންޑަރުން ކައިރިން ނައްޓުވާފައި ގޯލެއް ޖެހިތާ އިރުކޮޅެއް ނުވެ ބާސާގެ ލެވަންޑޮސްކީ ގޯލެއް ޖަހާ ބާސާއަށް ލީޑު ނަގައިދިނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލް އުއްމީދީ ފޯވާޑް ގޮންޒާލޯ ގާސިއާ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ.

ދެވަނަ ހާފުގެ 73 ވަނަ މިނެޓްގައި ބާސާ މޮޅު ކޮށްދިން ގޯލު ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ރަފީނާއެވެ. މެޗުގެ އިތުރު ވަގުތުގައި ބާސާ ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ. އެއީ އިތުރު ވަގުތުގައި ބާސާގެ މިޑްފީލްޑަރ ފްރެންކީ ޑިޖޯންގ ރެއާލްގެ އެމްބާޕޭއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މެޗު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ދެ ފުރުސަތު ލިބުނެވެ. ނަމަވެސް ބާސާގެ ކީޕަރ ޖޮއާން ގާސިއާ ވަނީ އެ ބޯޅަތައް މަތަކޮށްފައެވެ.

މިއީ ސްޕެނިޝްކަޕް ބާސާއިން ހޯދި 16 ވަނަ ފަހަރެވެ. މިދިޔަ އަހަރުވެސް ފައިނަލްގައި މި ދެޓީމް ބައްދަލުކޮށް އެ މެޗު 5 ލަނޑު 2 ލަނޑުން މޮޅުވެ ޗެމްޕިއަންކަން ހޯދީ ބާސާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ