9 ފެބުރުވަރީ 2026

7 ޕޮއިންޓްގެ ލީޑެއް އަލްހިލާލް ނަގައިފި

ދެ ވަނައިގައި އޮތް އައްނަސްރު ބަލިކޮށް ސައުދީ ޕްރޯ ލީގުގައި 7 ޕޮއިންޓްގެ ލީޑެއް އަލްހިލާލް ނަގައިފިއެވެ. ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުން އަލްހިލާލް މޮޅުވީ 3 ލަނޑު 1 ލަނޑުންނެވެ. އަލްހިލާލްގެ ރަސްމީ ދަނޑު ކަމަށްވާ ރިޔާޟުގެ ކިންގްޑަމް އެރީނާގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ފުރުސަތުތައް ހޯދީ އައްނަސްރެވެ. އެގޮތުން އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 42 ވަނަ މިނެޓްގައި ކިންގްސްލީ ކޯމަން ދިން ބޯޅައަކުން ގޯލެއް ޖަހާ ލީޑު ނަގާފައެވެ.

ދެވަނަ ހާފުގައި 57 ވަނަ މިނެޓްގައި އަލްހިލާލަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެޓީމުންވެސް ސުން ކަނޑުވާލިއެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އެޓީމުގެ ކެޕްޓަން ސަލީމް އަލްދުވައިސަރީއެވެ. ޕެނަލްޓީ ޖެހި ބޯޅަ ގޯލުތެރެއިން އަލްހިލާލުގެ ކުޅުންތެރިން ނަގަން ދިޔަ ވަގުތު އެކުޅުންތެރިންނަށް ހަމަލާ ދިނުމުން އައްނަސްރުގެ ކީޕަރ ނަވާފް އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިއެވެ. އޭގެ ފަހުން ފެނިގެން ދިޔައީ އަލްހިލާލުގެ ހަމަލާތަކެވެ. އެގޮތުން 81 ވަނަ މިނެޓްގައި އަލްހިލާލްގެ މިޑްފީލްޑަރ މުޙައްމަދު ކަނޫ ގޯލެއް ޖަހާ އެޓީމަށް ލީޑު ނަގައިދިނެވެ.

އަލްހިލާލްގެ ލީޑު ފުޅާކުރީ އިތުރު ވަގުތު ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރ ރުބެން ނެވެސްއެވެ.

14 މެޗުން އަލްހިލާލްއަށް 38 ޕޮއިންޓް ލިބިފައިވާއިރު ، އައްނަސްރަށް ލިބުނީ 31 ޕޮއިންޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު