ދިރާގު ދިވެހިލީގުގައި ވެލެންސިޔާ ކޮޅަށް ފަހު ވަގުތު ވައްދާލި ގޯލާއެކު މޮޅުވެ ގަދަ ހަތަރެއްގެ ޖާގަ އޮޑި ސްޕޯޓްސް އިން ކަށަވަރުކޮށްފިއެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅުނު މި މެޗުން އޮޑި މޮޅުވީ 2 ލަނޑު 1 ލަނޑުންނެވެ. މި މެޗުން މޮޅުވެ 15 މެޗުން ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ އޮޑިއަށް ލިބިފައިވަނީ 32 ޕޮއިންޓެވެ. ވެލެންސިޔާއަށް ލިބިފައިވަނީ 15 މެޗުން 8 ޕޮއިންޓެވެ.
ވެލެންސިޔާ ކޮޅަށް ފުރަތަމަ ގޯލު ޖެހީ އޮޑިންނެވެ. ވެލެންސިޔާގެ ޑިފެންޑަރުން ކައިރިން ދެމިގަނެ އޭރިޔާ ތެރެއަށް ވަދެ މި ގޯލު ޖަހައިދިނީ ފުޓްސަލްގައި މަޝްހޫރު އަޔާޒުއެވެ. އެއީ 38 ވަނަ މިނެޓްގައެވެ. ފަހުހާފުގައި ވެލެންސިޔާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. 71 ވަނަ މިނެޓްގައި ވެލެންސިޔާ ކުޅުންތެރިޔާ ނެގި ކޯނަރަކުން މި ގޯލު ޖަހައިދިނީ އައިދުއެވެ. އައިދު ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ އޮޑިގެ ޑިފެންޑަރެއް ގައިގައި ޖެހިފައެވެ. މި ލަނޑަށްފަހު އޮޑިން ވަނީ ލަނޑެއް ޖެހޭތޯ މަސައްކަތްކޮށްފައެވެ. އެމީހުންނަށް ކާމިޔާބުވީ އިތުރު ވަގުތު ދެއްކި 6 މިނެޓްވެސް ކުޅެ ނިމުނުފަހުންނެވެ. މި ގޯލު ޖަހައިދިނީ ނައިޖީރިއާގެ ފޯވާޑް ގަނީއު އޯގަންޖެވެ.
ހޮނިހިރު ދުވަހުގެ ރޭ ދިރާގު ދިވެހިލީގުގައި ކުޅުނު ނިއުރޭޑިއަންޓާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗުން 2 ލަނޑު 0 ލަނޑުން މޮޅުވީ ނިއުއެވެ. މެޗު ފަށައިގެންވެސް ގޯލެއް ޖެހޭތޯ މަސައްކަތް ކުުރި ނިއުއަށް ގޯލެއް ޖެހުނީ 35 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ކޯނަރަކުން އަލީ ފާސިރު ހުރަސްކުރި ބޯޅަ ، ނިއުގެ ޑިފެންޑަރ ނިޒާމް ( ޕީކޭ )އެވެ. ނިއުގެ ދެވަނަ ގޯލު ޖެހީ ފަހުހާފުގައެވެ. 64 ވަނަ މިނެޓްގައި މި ގޯލު ޖަހައިދިނީ ނައިޖީރިއާ ފޯވާޑް އަލްހާޖީ ގެރޯއެވެ. ޔޫވީ ޕެނަލްޓީ އޭރިޔާ ބޭރުން ޑިސިލްވާ ނަގައިދިން ހުރަހަކުން ގެރޯ ގޯލު ޖެހީ ބޮލުންނެވެ. މި މެޗުގައި ޔޫވީގެ ގޯލް ކީޕަރ ނާޖިހު ވަނީ ނިއު އިން ފޮނުވާލި ގިނަ ނުރައްކާތެރި ބޯޅަތައް ދިފާއުކޮށްފައެވެ.
މި މެޗުގެ 89 ވަނަ މިނެޓްގައި ހުސްކޮށް ލިބުނު ބޯޅައެއް ހިފައިގެން ޔޫވީ އޭރިޔާތެރެޔަށް ވަދެ ގޯލަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ނިއުގެ ޢަލީ ފާސިރު ( ސެންޓޭ ) އަށް އަނިޔާވެ އަށިގަނޑުގައި ވަނީ ބާލާފައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ސެންޓޭއަށް ލިބިފައިވާ އަނިޔާގެ ކުޑަ ބޮޑުމިން އެނގޭނީ ސީޓީ ސްކޭންގެ ނަތީޖާ ލިބުމުންނެވެ.
ނިއުއަށް 15 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު ޔުނައިޓެޑް ވިކްޓަރީ އޮތީ އެންމެ ފުލުގައި 7 ޕޮއިންޓާއެކުއެވެ.


