ކެރިކްގެ ފުރަތަމަ މެޗުގައި ޔުނައިޓެޑުން ސިޓީ ބަލިކޮށްފި

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމާ މައިކަލް ކެރިކް ދެވަނަ ފަހަރަށް ހަވާލުވި ފުރަތަމަ މެޗުގައި، ވާދަވެރި މެންޗެސްޓަރ ސިޓީގެ މައްޗަށް 2-0 އިން ކުރިހޯދައި ހުވަފެނީ ފެށުމަކުން ފަށައިފިއެވެ.

2021 ވަނަ އަހަރު ތިން މެޗަށް ޔުނައިޓެޑުގެ ވަގުތީ ކޯޗުކަން ކުރި ކެރިކްގެ އިރުޝާދުގެ ދަށުން، ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ހެރީ މެގުއަޔާ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު، އަމަދު އަދި ބްރޫނޯ ފެނާންޑޭޒް ޖެހި ގޯލުތައް އޮފްސައިޑްވުމުން ބަލައެއް ނުގަތެވެ.

އެހެންނަމަވެސް، ދެވަނަ ހާފުގައިވެސް ޔުނައިޓެޑުން ކުޅުމުގެ ފެންވަރު ދަށްވިޔަ ނުދީ ހިފެހެއްޓިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 60 މިނެޓު ފަހަނައަޅައި ދިޔަތަނާ ބްރަޔަން އެމްބިއުމޯ ކާމިޔާބުކުރި ލަނޑާއެކު އޯލްޑް ޓްރެފޯޑްގެ ސަޕޯޓަރުން އުފަލުން ފޮޅުނެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ޕެޓްރިކް ޑޯގޫ ގޯލުގެ ކައިރިން ފޮނުވާލި ހަމަލާއަކުން ލީޑު ފުޅާކޮށްދިންއިރު، އޭގެ ފަހުން މޭސަން މައުންޓް ޖެހި ގޯލެއްވެސް އޮފްސައިޑްވުމުން ބަލައެއް ނުގަތެވެ. މިއީ މި މެޗުގައި ޔުނައިޓެޑުން ޖެހި ގޯލުތަކުގެ ތެރެއިން އޮފްސައިޑްވުމުން ބަލައިނުގަތް ތިންވަނަ ގޯލެވެ.

މި މޮޅާއެކު ހޮނިހިރު ދުވަހުގެ އެހެން މެޗުތައް ކުޅުމުގެ ކުރިން ޔުނައިޓެޑް ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ޖެހިލާފައިވާއިރު، ސިޓީ އޮތީ އެއް މެޗު އިތުރަށް ކުޅެގެން ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއަށްވުރެ ހަ ޕޮއިންޓް ފަހަތުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ