އެންފީލްޑްގައި ބާންލީއާ ދެކޮޅަށް ކުޅެ، ލިވަޕޫލް މާޔޫސްކުރުވަނިވި އެއްވަރުވުމަކުން މެޗު ނިންމާލަން ޖެހިއްޖެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޑޮމިނިކް ސޮބޮސްލާއީ ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހުނުތާ 10 މިނެޓު ފަހުން، ފްލޯރިއަން ވާޓްޒް ވަނީ ބާރުގަދަ ހަމަލާއަކުން އާން ސްލޮޓްގެ ޓީމަށް ކުރިހޯދައިދީފައެވެ.
މުޅި މެޗުގައި ލިވަޕޫލުން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އެގޮތުން ލިވަޕޫލުން 32 ހަމަލާ އުފެއްދިއިރު، ބާންލީގެ ކީޕަރު މާޓިން ޑުބްރާވްކާ ވަނީ އަށް ސޭވް ކޮށްފައެވެ.
ފްލޮރެންޓީނޯ ލުއިސް ތަނަވަސްކޮށްދިން ފުރުސަތަކުން، މެޗުގެ 65 ވަނަ މިނެޓުގައި އެޑްވަރޑްސް ވަނީ އެލިސަން ފަހަނައަޅައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މެޗު އެއްވަރުކޮށްފައެވެ.
މެޗުން މޮޅުވާނެ ލަނޑެއް ޖެހުމަށް ލިވަޕޫލުން ފަހު ވަގުތު ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް، ދެވަނަ ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
މިއީ ތާވަލުގެ 19 ވަނައިގައި އޮތް ޓީމަކާ ދެކޮޅަށް ކުޅެ ގެއްލުނު މުހިންމު ދެ ޕޮއިންޓުގެ ގޮތުގައި ބެލެވޭނެއެވެ.
ހޮނިހިރު ދުވަހުގެ މި ނަތީޖާއާއެކު، ހުރިހާ މުބާރާތެއްގައި ބަލިނުވެ ލިވަޕޫލުން ދަމަހައްޓަމުން އައި ސިލްސިލާ 12 މެޗަށް އިތުރުވި ނަމަވެސް، މިއީ ލީގުގައި ޖެހިޖެހިގެން އެޓީމު އެއްވަރުވި ހަތަރުވަނަ މެޗެވެ.
ލިބުނު ޕޮއިންޓާއެކު ލިވަޕޫލް މިހާރު އޮތީ ހަތަރުވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށްވުރެ އެއް ޕޮއިންޓް ކުރީގައެވެ. ނަމަވެސް، ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އާއި ތިންވަނައިގައި އޮތް އެސްޓަން ވިލާއާ ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކުރުމަށް ލިބުނު ފުރުސަތު ސްލޮޓްގެ ޓީމަށް ވަނީ ގެއްލިފައެވެ.
ބާންލީން ލީގުގައި އެންމެ ފަހުން ކުޅުނު 13 މެޗުންވެސް މޮޅެއް ލިބިފައި ނުވި ނަމަވެސް، މި އެއްވަރުވުން އެޓީމަށް ވާނީ މޮޅެއް ފަދަ ނަތީޖާއަކަށެވެ. 'ދަ ކްލެރެޓްސް' އަދިވެސް އޮތީ ރެލިގޭޝަން ޒޯނުގެ ފުނުގައި ނަމަވެސް، އެންފީލްޑްގައި ހޯދި މި ޕޮއިންޓަކީ އެޓީމުގެ އިތުބާރު ބޮޑުކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.


