ބެންފީކާއިން 4-2 އިން ރެއާލްމެޑްރިޑް ބަލިކޮށް ދެ ޓީމުވެސް ޗެމްޕިއަންސް ލީގުގެ ޕްލޭއޮފަށް ދަތުރުކޮށްފިއެވެ. މިއާއެކު މެޑްރިޑަށް ގަދަ އަށެއްގެ ފުރުސަތު ވަނީ ގެއްލިފައެވެ.
މެޗުގެ 98 ވަނަ މިނެޓުގައި ގޯލްކީޕަރު އަނަޓޯލީ ޓްރޫބިން ކާމިޔާބުކުރި ހައިރާންކުރުވަނިވި ހެޑާއާއެކު ބެންފީކާއިން 4-2 އިން ރެއާލް މެޑްރިޑް ބަލިކޮށް، މުބާރާތުގައި އެ ޓީމުގެ އުންމީދު ދަމަހައްޓައި، ވަރުގަދަ ރެއާލް މެޑްރިޑަށް ގަދަ 16 ގެ ސީދާ ޖާގައެއް ލިބުމަށް ވަނީ ހުރަސްއަޅައިފައެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު މި ފޯރިގަދަ މެޗުގެ ފަހު ސިކުންތުކޮޅާ ހަމައަށް 3-2 އިން ކުރީގައި އޮތް ނަމަވެސް، ޕޯޗުގަލްގެ ބެންފީކާ އޮތީ މުބާރާތުން ކަޓާނެއެވެ. ނަމަވެސް އިތުރު ވަގުތުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ހިލޭ ޖެހުމަކަށް ކީޕަރު ޓްރޫބިން ކުރިއަށް އަރައި، ގޯލް ޖަހައިދީގެން ލަނޑުގެ ތަފާތުން ޕްލޭއޮފް ބުރަށް އެ ޓީމު ގެންގޮސްދިނެވެ.
މިއާއެކު ލިޒްބަންގެ ސްޓޭޑިއަމް އޮފް ލައިޓްގައި ބެންފީކާގެ ކުޅުންތެރިންނާއި، ސަޕޯޓަރުން އަދި ކުރިން ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑުން އުންމީދުކޮށްގެން ތިބީ ގަދަ އަށެއްގެ ތެރޭގައި ހިމެނިގެން ސީދާ ގަދަ 16 އަށް ދިއުމަށެވެ. ނަމަވެސް އަށް މެޗުން ލިބުނު 15 ޕޮއިންޓާއެކު އެކަން ކާމިޔާބެއް ނުވިއެވެ. އަދި ރައުލް އަސެންސިއޯ އާއި ރޮޑްރީގޯއަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކުގައެވެ.
މި މެޗުގައި ބެންފީކާއަށް އެންޑްރިއަސް ޝްޖެލްޑަރަޕް ދެ ލަނޑު ޖަހައިދިންއިރު، ވަންގޭލިސް ޕަވްލިޑިސް ވަނީ ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށްފައެވެ. ރެއާލްގެ ދެ ލަނޑުވެސް ޖަހައިދިނީ ކީލިއަން އެމްބާޕޭއެވެ.
ބެންފީކާ ކުރިއަށް ދިޔައީ ކްލަބް ބްރޫޖް އަތުން 3-0 އިންއ އޮލިމްޕިކް މާސޭ ބަލިވުމާގުޅިގެންނެވެ.
މެޗުގެ ކުރީކޮޅު ބެންފީކާއަށް ދެ ޕެނަލްޓީއެއް ނުލިބި ދިޔައިރު، މެޗުގެ 30 ވަނަ މިނެޓުގައި އަސެންސިއޯ ނަގައިދިން ހުރަހަކުން އެމްބާޕޭ ވަނީ ރެއާލަށް ލީޑު ނަގައިދީފައެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން، ވާރޭގެ ސަބަބުން ދަނޑު ތެތްކޮށް އޮތުމުން އަސެންސިއޯ ކަހާލި ވަގުތު، ޕަވްލިޑިސް ތަނަވަސްކޮށްދިން ފުރުސަތަކުން ޝްޖެލްޑަރަޕް ވަނީ ބޮލުން ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޮޓަމެންޑީއަށް ކުރި ފައުލަކަށް ބެންފީކާއަށް ޕެނަލްޓީއެއް ލިބުނުއިރު، ޕަވްލިޑިސް ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
ދެވަނަ ހާފުގައި ޝްޖެލްޑަރަޕް އޭނާގެ ދެވަނަ ލަނޑު ޖަހައި 3-1 އަށް ނަތީޖާ ބަދަލުކުރިއެވެ. އޭގެ ފަހުން އެމްބާޕޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 36 ވަނަ ލަނޑާއެކު ފަރަގު ކުޑަކޮށްފައެވެ.
މެޗުގެ އެންމެ ފަހު ވަގުތުކޮޅާ ހަމައަށްވެސް ބެންފީކާ އޮތީ ގަދަ 24 އިން ބޭރުގައެވެ. ނަމަވެސް ފްރެޑްރިކް އައުރްސްނެސް ނަގައިދިން ހިލޭ ޖެހުން ޓްރޫބިން ބޮލުން ގޯލަށް ފޮނުވާލައި، ލިޒްބަންގައި ހައިރާންކުރުވަނިވި ނަތީޖާއަކުން މެޗު ނިންމާލިއެވެ.


