ޕާކް ޑެސް ޕްރިންސަސްގައި ނިއުކާސަލް ޔުނައިޓެޑާއި ޕެރިސް ސެއިންޓް ޖާމަން (ޕީ.އެސް.ޖީ) ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމާ ގުޅިގެން، ދެ ޓީމަށްވެސް ޗެމްޕިއަންސް ލީގުގެ ގަދަ އަށެއްގެ ފުރުސަތު ގެއްލިއްޖެއެވެ.
ތަފާތު ބަދަލުތަކެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު، ލުވިސް މައިލީ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއެއް ނިކް ޕޯޕް ދިފާއުކުރި ނަމަވެސް، ވިޓީނިއާ ޖެހި ލަނޑުން ޕީ.އެސް.ޖީ އިން މެޗުގެ ކޮންޓްރޯލް ހޯދިއެވެ.
އެހެންނަމަވެސް، ނިއުކާސަލްއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި، ގާތްގަނޑަކަށް އަހަރެއްހާ ދުވަހަށްފަހު ޖޯ ވިލޮކް ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ވަގުތު ނިއުކާސަލް އޮތީ ޕީ.އެސް.ޖީ އާއެކު ގަދަ އަށެއްގެ ތެރޭގައެވެ.
ނަމަވެސް އެހެން މެޗުތަކުގެ ނަތީޖާ ނުކުތްގޮތުން ދެ ޓީމުވެސް ވަނީ ޕްލޭ-އޮފް މަގާމުތަކަށް ވެއްޓިފައެވެ. މިއާއެކު ޕްލޭ-އޮފް އިން ސަލާމަތްވުމަށްޓަކައި މެޗުން މޮޅުވާން ދެ ޓީމުންވެސް ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ.
އެގޮތުން ދެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައިރު، މެޗުން މޮޅުވާން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނިއުކާސަލްގެ ބަދަލު ކުޅުންތެރިޔާ ހާވީ ބާންސް އަށެވެ. ނަމަވެސް ގޯލު ކުރިމަތީގައި ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މެޗު ނިމުނީ ދެ ޓީމަށްވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިގެންނެވެ. މިއާއެކު އަންނަ ފެބްރުއަރީ މަހު ދެ ލެގުގެ ޕްލޭ-އޮފް މެޗުތަކެއް ކުޅެން މި ދެ ޓީމަށް ވަނީ މަޖުބޫރުވެފައެވެ. މި މެޗުތަކުގެ ގުރުއަތުލުން އޮންނާނީ ހުކުރު ދުވަހުއެވެ. ސީޑް ކުރެވިފައިވާ ޕީ.އެސް.ޖީ އަދި ނިއުކާސަލް ބައްދަލުކުރަން ޖެހޭނީ ގަރަބާގް ނުވަތަ މޮނާކޯ އާއެވެ.


