ދެ ކުޅުންތެރިން މަދުކޮށް ކުޅުނު ރަޔޯ ވަލެކާނޯ އަތުން މެޑްރިޑް ކިރިޔާ ސަލާމަތްވެއްޖެ

ސެންޓިއާގޯ ބާނަބިއުގޭގައި މެޗުގެ 100 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ޕެނަލްޓީއާއެކު، ރަޔޯ ވަޔެކާނޯ އަތުން 2-1 އިން މޮޅުވެ، ރެއާލް މެޑްރިޑުން ލަލީގާގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފިއެވެ.

މިދިޔަ ހަފުތާގެ މެދުތެރޭގައި ޗެމްޕިއަންސް ލީގުގައި ބެންފީކާގެ އަނަޓޯލީ ޓްރޫބިން ފަހު ވަގުތު ޖެހި ލަނޑާއެކު، ޕްލޭ-އޮފްގައި އަލުން އެ ޓީމާ ކުރިމަތިލާން ޖެހުމުން ލިބުނު މާޔޫސްކަމަށްފަހު، ރެއާލް އޮތީ މި މެޗު ވަރުގަދަކޮށް ފެށުމުގެ އަޒުމުގައެވެ.

ނަމަވެސް، މެޗުގެ ކުރީކޮޅު ހޭމްސްޓްރިންގް އަނިޔާއެއްގެ ސަބަބުން ރޮމުން ކަހަލަ ގޮތަކަށް ޖޫޑް ބެލިންގްހަމް ދަނޑުން ފޭބުމަކީ އެ ޓީމަށް ލިބުނު ބޮޑު ހީނަރުކަމެކެވެ.

މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އިލިއާސް އަޚޯމަކް އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވި ނަމަވެސް، އަލްވާރޯ އަރްބެލޯއާގެ ޓީމުން ވަނީ 15 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. 2025 އޮކްޓޯބަރު 4 ގެ ފަހުން ލަލީގާގައި ލަނޑެއް ނުޖެހި ހުރި ވިނީޝިއަސް ޖޫނިއާ ވަނީ އޭރިއާ ތެރެއިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން އެ ހުސްކަން ނިމުމަކަށް ގެނެސްފައެވެ.

ފުރަތަމަ ހާފުގެ ބާކީ ބައިގައި މާ ގިނަ ފުރުސަތުތަކެއް ނުލިބުނު ނަމަވެސް، އާރްދާ ގުލާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ރަޔޯގެ ކީޕަރު އޮގަސްޓޯ ބަޓާލާ ވަނީ ދިފާއުކޮށްފައެވެ. ހާފު ނިމެން ކައިރިވި ވަރަކަށް ރަޔޯގެ ކުޅުން ރަނގަޅުވި ނަމަވެސް، މި ސީޒަނުގައި ލަނޑު ޖެހުމުގައި އެ ޓީމަށް ދިމާވެފައިވާ މައްސަލަތައް މި މެޗުންވެސް ފެނުނެވެ. މެޗު ފެށުމުގެ ކުރިން އެ ޓީމަށް ޖެހިފައިވަނީ އެންމެ 17 ލަނޑެވެ. ފުރަތަމަ ހާފު ނިމުނުއިރު ތިބޯ ކޯޓުއާ އަށް ނުރައްކާވާ ފަދަ އެއްވެސް ހަމަލާއެއް އެ ޓީމަށް އުފެއްދިފައެއް ނުވެއެވެ.

ނަމަވެސް، ދެވަނަ ހާފު ފެށިގެން ފަސް މިނެޓު ތެރޭގައި ރަޔޯއިން ނަތީޖާ ހަމަހަމަކުރިއެވެ. އަލްވާރޯ ގާސިއާ ނަގައިދިން ހުރަހެއް ބޭނުންކޮށްގެން ހޯޖޭ ޑި ފްރޫޓޯސް ވަނީ ކޯޓުއާ ބަލިކޮށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.

އޭގެ ފަހުން ދެ ޓީމަށްވެސް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ފުރަތަމަ ރަޔޯގެ އަންދްރޭ ރަޓިއޫ އަށް ލިބުނު ހުސް ފުރުސަތު ކޯޓުއާ ދިފާއުކުރިއިރު، އަނެއްކޮޅުން އެމްބާޕޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ޑެނީ ސެބާޔޯސް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރަޔޯގެ ޕާތޭ ސިސް އަށް ރަތް ކާޑު ދެއްކުމުން ރެއާލަށް ބޮޑު ފުރުސަތެއް ހުޅުވިގެން ދިޔައެވެ. މެޗުގެ ފަހުކޮޅު ސެބާޔޯސް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔައިރު، އެޑުއާޑޯ ކަމަވިންގާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ނަމަވެސް، އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި ނޯބެލް މެންޑީ، ބްރަހިމް ޑިއާޒް އަށް ކުރި ފައުލަކާ ގުޅިގެން ރެއާލަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ އެމްބާޕޭ ކާމިޔާބުކޮށް ރެއާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.

މިއީ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ އެއް ޕޮއިންޓް ގާތަށް ޖެހިލުމަށް ރެއާލަށް ލިބުނު މުހިންމު މޮޅެކެވެ. ނަމަވެސް ރަޔޯއަށް މިއީ ބޮޑު ދެރައެކެވެ. މެޗުގެ ފަހުކޮޅު ރޮޑްރީގޯ އަށް ކުރި ފައުލަކާ ގުޅިގެން ޕެޕް ޗަވަރިއާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުން އެ ޓީމު މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކުގައެވެ. ރަޔޯ މިހާރު އޮތީ ރެލިގޭޝަން ޒޯނަށްވުރެ އެންމެ ޕޮއިންޓެއް ކުރީގައެވެ. އަދި އެ ޓީމުން އެންމެ ފަހުން ކުޅުނު 12 ލީގު މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ