އިނގިރޭސި ކަރަބައޯ ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ ލެގުން ވެސް ޗެލްސީ ބަލިކޮށް އާސެނަލް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. ޗެލްސީ ދަނޑު ސްޓެމްފޮޑް ބްރިޖުގައި ކުޅުނު ފުރަތަމަ ލެގު މެޗުން އާސެނަލް މޮޅުވީ 3 ލަނޑު ދެ ލަނޑުންނެވެ.
އަންގާރަ ދުވަހުގެ ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު ދެވަނަ ލެގު މެޗުން އާސެނަލް މޮޅުވީ 1 – 0 އިންނެވެ. މެޗެގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނެވެ. މެޗުގައި ޗެލްސީ ފެނުނީ ޑިފެންސިވް ކުޅުމެއް ކުޅެ ކައުންޓް އެޓޭކްގައި ހަމަލާ ދިން ތަނެވެ. އާސެނަލް މޮޅު ކޮށްދިން ގޯލު ޖެހީ ބަދަލު ކުޅުންތެރިޔެއް ގޮތަށް ފަހު ހާފު 69 ވަނަ މިނެޓްގައި ކުޅެން އެރި ކައި ހަވާޓްސްއެވެ. މެޗުގެ 90 މިނެޓް ކުޅެ ނިމި ދިން 6 މިނެޓްގެ އިތުރު ވަގުތުގައި ޗެލްސީ ކުޅުންތެރިން ކުރީގައި ތިއްބާ ރައިސް އަށް ލިބުނު ބޯޅަ ހަވާޓްސް އަށް ދިންއިރު އޭނާ އޮތީ މުޅިން ހުސްކޮންނެވެ. ހުސްކޮށް އަރާ ހަވާޓްސް ގޯލު ޖެހީ ޗެލްސީ ކީޕަރ ސަންޗޭޒް ވެސް ކަޓުވާފައި ގޮހެވެ.
އާސެނަލް ފައިނަލަށް ދަތުރުކުރީ 4-2 އެގްރިގެޓުން މޮޅުވެގެންނެވެ. އެންމެ ފަހުން ކަރަބައޯ ކަޕްގެ ފައިނަލެއް އާސެނަލް ކުޅުނީ 2018 ވަނަ އަހަރު ސިޓީއާ ދެކޮޅަށެވެ.
22 މާރޗް 2026 ގައި ވެމްބްލީގައި ކުޅޭ ފައިނަލްގައި އާސެނަލް ބައްދަލުކުރާ ޓީމެއް އިނގޭނީ މިރޭ މެންޗެސްޓަރ ސިޓީ އާއި ނިއުކާސްޓަލް ކުޅޭ މެޗު ނިމުމުންނެވެ. މި ދެޓީމު ފުރަތަމަ ލެގްގައި ޖޭމްސް ޕާކްގައި ކުޅުނު މެޗުން 2 ލަނޑު 0 ލަނޑުން މޮޅުވީ ސިޓީއެވެ.


