ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ، ސައުދީ އަރަބިއްޔާގައި ދެ އަހަރާއި ބައި ހޭދަކުރުމަށްފަހު އަލުން ޔޫރަޕަށް ގެނެސް، ފެނަރބާޗޭއިން އޭނާގެ ސޮއި ހޯދައިފިއެވެ. ކާންޓޭއަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ އިހުތިރާމް ލިބިފައިވާ، އަދި ބޮޑާކަމެއްނެތް ކާމިޔާބު ކުޅުންތެރިއެކެވެ.
އިސްތަންބޫލްގެ މި ކްލަބުން ބުދަ ދުވަހު ކަށަވަރުކޮށްދިން ގޮތުގައި، ސައުދީ އަރަބިއްޔާގެ އަލް-އިއްތިހާދުން ބަދަލުވި ކާންޓޭ ވަނީ ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ ކުރިން މި ޓްރާންސްފާ އިއުލާންކޮށްފައިވީ ނަމަވެސް، ރަޖިސްޓްރޭޝަން މަރުހަލާގައި ދިމާވި ކުޑަ ލަސްވުމަކަށްފަހު މިހާރު ވަނީ ރަސްމީ އެއްބަސްވުމަކަށް އައިސްފައެވެ.
ފެނަރބާޗޭއިން މި ހަފުތާގެ ކުރީކޮޅު ހާމަކުރި ގޮތުގައި، މި ޓްރާންސްފާ މަޑުޖެހުނީ ފީފާގެ ޓްރާންސްފާ މެޗިންގ ސިސްޓަމަށް ބޭނުންވާ ތަފުސީލުތައް އަލް-އިއްތިހާދުން ފުރިހަމަނުކުރުމުގެ ސަބަބުންނެވެ.
މި މައްސަލަ ހައްލުވީ ސައުދީ ކްލަބުން ކާންޓޭ ވަކިވިކަން ރަސްމީކޮށް ކަށަވަރުކޮށްދިނުމުންނެވެ. މިއާއެކު ތުރުކީގެ ޕަބްލިކް ޑިސްކްލޯޝަރ ޕްލެޓްފޯމް މެދުވެރިކޮށް މި ބަދަލުވުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބުނެވެ.
އުމުރުން 34 އަހަރުގެ ކާންޓޭ،ފެނަބާޗޭގެ ޖާރޒީގައި ބޭނުންކުރާނީ 17 ނަންބަރެވެ.


