ދިވެހި ޕްރެމިއަރ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން އޮތް ފަހު މެޗަށް ކްލަބް ގްރީން ސްޓްރީޓްސް ހާޒިރުނުވުމާ ގުޅިގެން، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކްލަބް ކަމަށްވާ ކްލަބް ވެލެންސިޔާ ފުރަތަމަ ޑިވިޜަނުން ރެލިގޭޓްވެއްޖެއެވެ.
ލީގުގެ ތާވަލަށް ބަލާއިރު، އެންމެ ފުލަށް ދިޔަ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) މީގެ ކުރިން ވަނީ ރެލިގޭޓްވެފައެވެ. ދެން ރެލިގޭޓްވާނެ ޓީމެއް ކަނޑައެޅުމަށް ބާކީ އޮތީ ނިއު ރޭޑިއަންޓާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗުގެ ނަތީޖާއެވެ. ނަމަވެސް، ގްރީން ސްޓްރީޓްސް އިން މެޗަށް ހާޒިރުވީ ޓީމު ހަމަނުކޮށް ކަމަށްވުމުން، ގަވާއިދުގެ ދަށުން 2-0 ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓް މޮޅުވި ކަމަށް ވަނީ ނިންމާފައެވެ.
މި ނަތީޖާއާއެކު 18 މެޗުން ގްރީން ސްޓްރީޓަށާއި ވެލެންސިޔާ އަށްވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ. ނަމަވެސް ވެލެންސިޔާ ރެލިގޭޓްވީ ގެއްލުން ގޯލުގެ ތަފާތުން ގްރީންސްޓްރީޓަށް ކުރިލިބޭތީއެވެ.
މި މައްސަލައާ ގުޅިގެން ކްލަބް ވެލެންސިޔާ އިން ވަނީ ހަރުކަށި އިބާރާތުން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވެލެންސިޔާ އިން ބުނެފައިވަނީ، އެ ކްލަބުން ކުޅެންޖެހޭ ހުރިހާ މެޗެއް ނިމިފައިވަނިކޮށް، ގްރީން ސްޓްރީޓްސް އިން ފަހު މެޗަށް ހާޒިރުނުވުމަކީ ގަސްދުގައި ހިންގާފައިވާ "މެޗު ފިކްސިން" ގެ އަމަލެއް ކަމަށެވެ. އަދި މިއީ ވެލެންސިޔާގެ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން، ނިއު ރޭޑިއަންޓާއި އެހެން ކްލަބްތަކުގެ ކުޅުންތެރިންގެ ހައްގުތަކަށްވެސް އުނިކަން އަންނަ ކަމެއް ކަމަށް އެ ކްލަބުން ފާހަގަކުރެއެވެ.
"ގްރީން ސްޓްރީޓްސްގެ މި އަމަލަކީ ގަސްދުގައި ކްލަބް ވެލެންސިޔާގެ ހައްގެއް ނިގުޅައިގަތުން ކަމަށްވުމުން، މެޗު ފިކްސިންގެ މި މައްސަލަ ބަލައި، ވެލެންސިޔާގެ ހައްގު ހޯދައިދިނުމަށް މި ކްލަބުން ފުޓްބޯލް އެސޯސިއޭޝަނަށް ގޮވާލަމެވެ. އަދި، މި މައްސަލަ މި ކްލަބުން ފީފާ އާއި އޭއެފްސީ އަށް ވެސް ހުށަހަޅާނެ ކަމުގައި ދަންނަވަމެވެ،" ވެލެންސިޔާގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ ކުރިންވެސް ލީގުގެ މެޗުތަކަށް ހާޒިރުނުވާ ޓީމުތަކަށް ޑިސިޕްލިނަރީ ފިޔަވަޅެއްގެ ގޮތުން 25,000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހެއެވެ. ނަމަވެސް، މިފަދަ ނިންމުންތަކުގެ ސަބަބުން ލީގުގެ ފޯރިއަށާއި ކްލަބްތަކުގެ މުސްތަގުބަލަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ޚިޔާލުތައް:
މިދިޔައަހަރު ތިޔަވެލެންސިޔާ ކިތައް މެޗުތޯދޫކޮއްލީ ބަސްސާމުޓީމުވީމާ އޯކޭ