މާޒިޔާ ކެޕްޓަން ސަމޫހު ލީގު އައްޑަނަ އުފުލާލަނީ /ފޮޓޯ: އަދަދު ސްޕޯޓްސް

ބަލިނުވެ މާޒިޔާއިން ލީގު ހޯދައިފި

ދިރާގު ދިވެހި ޕްރެމިއަރ ލީގުގެ ކުޅުން ނިމުނުއިރު، އެއްވެސް މެޗަކުން ބަލިނުވެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ޗެމްޕިއަންކަން ކާމިޔާބުކޮށްފިއެވެ. މިއީ މާޒިޔާއިން ޖެހިޖެހިގެން މި ތަށި އުފުލާލި ފަސްވަނަ ފަހަރެވެ. އަދި މިއީ އެ ކްލަބުން ކާމިޔާބުކުރި ޖުމްލަ ހަވަނަ ލީގު ޓައިޓަލްއެވެ.

ލީގުގެ ފަހު މެޗުގައި ހުކުރު ދުވަހުގެ ރޭ މާޒިޔާ ބައްދަލުކުރީ ލީގުގެ ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗު މާޒިޔާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވާޑް ސްޕެއިންގެ ސާޖިއޯ މެންޑީއެވެ.

މިއަހަރުގެ ލީގު ނިމުނުއިރު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 48 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އޮޑި ސްޕޯޓްސްއަށް 39 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބުނީ 37 ޕޮއިންޓެވެ. ތާވަލުގެ ދެން ހުރި ވަނަތަކަށް ބަލާއިރު، ބުރު ސްޕޯޓްސް (29 ޕޮއިންޓް)، ކްލަބް އީގަލްސް (23 ޕޮއިންޓް)، ވިކްޓަރީ ސްޕޯޓްސް ކްލަބް (21 ޕޮއިންޓް)، ޓީސީ ސްޕޯޓްސް ކްލަބް (21 ޕޮއިންޓް) އަދި ކްލަބް ގްރީން ސްޓްރީޓްސް (12 ޕޮއިންޓް) އެވެ.

ޖުމްލަ 10 ޓީމު ވާދަކުރި މި މުބާރާތުން ރެލިގޭޓްވީ ތާވަލުގެ އެންމެ ފުލަށް ދިޔަ ދެ ޓީމެވެ. އެއީ 12 ޕޮއިންޓާއެކު 9 ވަނައިގައި ނިންމި ކްލަބް ވެލެންސިޔާ އާއި 11 ޕޮއިންޓާއެކު ފުލަށް ދިޔަ ޔުނައިޓެޑް ވިކްޓަރީއެވެ.

ލީގުގެ ގަދަ ހަތަރު ޓީމު ކަމަށްވާ މާޒިޔާ، އޮޑި، ނިއު އަދި ބުރު ސްޕޯޓްސް ވަނީ އޮޓޮމެޓިކުން ޤައުމީ ފުޓްބޯޅަ މުބާރާތުން ފުރުޞަތު ހޯދާފައެވެ. މި މުބާރާތުގައި ވާދަކުރާނެ އަނެއް ދެ ޓީމު ހޮވުމަށް ހަމަޖެހިފައިވަނީ ލީގުގެ 5، 6، 7 އަދި 8 ވަނަ ހޯދި ޓީމުތަކުގެ މެދުގައި ކުޅެވޭ ޕްލޭ-އޮފް މެޗުތަކަކުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ