މިއަންނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޤައުމީ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު ދެ ޖާގަ ކްލަބް އީގަލްސް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބުން ކަށަވަރުކޮށްފިއެވެ. މި ދެ ޓީމު މުބާރާތަށް ކޮލިފައިވީ އިއްޔެ ކުޅުނު ޕްލޭއޮފް މެޗުތަކުން މޮޅުވެގެންނެވެ.
އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އިން ވަނީ ކްލަބް ގްރީންސްޓްރީޓްސްގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގައި އީގަލްސްގެ ފޭދޫ އިއްބެ ވަނީ ހެޓްރިކެއް ހަދާފައެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ ހާއްޕެ، ބޮންޑާ އަދި ސަމްޚާން އެވެ. މި މޮޅާއެކު އީގަލްސް ހިމެނިފައިވަނީ މުބާރާތުގެ ގްރޫޕް 2 ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި މެގަޒިން އެވެ.
ޕްލޭއޮފްގެ ދެވަނަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް މޮޅުވީ ޓީސީ ސްޕޯޓްސް ކްލަބާ ވާދަކޮށް 2-0 ގެ ނަތީޖާއަކުންނެވެ. ވިކްޓަރީގެ ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަސޫޚު އާއި ރިޒްވާން އެވެ. ވިކްޓަރީ ވާދަކުރާނީ މުބާރާތުގެ ގްރޫޕް 1 ގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ބުރު ސްޕޯޓްސް ކްލަބެވެ.
މި އަހަރުގެ ޤައުމީ ފުޓްބޯޅަ މުބާރާތަށް މާޒިޔާ، އޮޑި، ނިއު އަދި ބުރު ސްޕޯޓްސް ސީދާ ކޮލިފައިވީ ދިވެހި ޕްރެމިއަރ ލީގުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނުމުންނެވެ. އީގަލްސް، ގްރީންސްޓްރީޓްސް، ވިކްޓަރީ އަދި ޓީސީ އަށް ޕްލޭއޮފްގައި ކުޅެން ޖެހުނީ ލީގުގެ 5 ވަނަ އިން 8 ވަނައަށް އެ ޓީމުތައް ދިއުމާ ގުޅިގެންނެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތައް އަންގާރަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާއިރު، މިއީ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ އެންމެ ޝަރަފުވެރި މުބާރާތެވެ.


