އާދީއްތަ ދުވަހު ވެލެންސިއާ އަތުން 2-0 އިން މޮޅުވެ، ރެއާލް މެޑްރިޑުން ލަ ލީގާގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ.
މާ ބޮޑު ފޯރިއެއް ނެތް މި މެޗުގެ ނަތީޖާ ނެރުނީ ދެވަނަ ހާފުގައި އަލްވާރޯ ކަރޭރަސް އާއި ކީލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ.
މެޗުގެ ބޮޑު ބައެއްގައި ބޯޅަ ހިފަހައްޓައިގެން ރެއާލުން ކުޅުނު ނަމަވެސް، ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދުމަށް އެ ޓީމަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ.މެޗުގެ ކޮންޓްރޯލް ނަގައި ގޯލަށް ނުރައްކަލަކަށް ބަދަލުކުރުމަށް ރެއާލުން މަސައްކަތް ކުރަމުންދިޔައިރު، ވެލެންސިއާގެ ކީޕަރު ސްޓޯލް ޑިމިޓްރިއެވްސްކީއަށް މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހުނެވެ.
ރެއާލަށް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ޑެޑްލޮކް ފޫއަޅުވާލެވުނީ 65 ވަނަ މިނެޓުގައި ކަރޭރަސްގެ އެހީގައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެމްބާޕޭ ވަނީ ދެވަނަ ލަނޑު ޖަހައި ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
ބާސެލޯނާ ތާވަލުގެ އެއްވަނައިގައި އޮތީ 58 ޕޮއިންޓާއެކުގައެވެ. ރެއާލް ދެވަނައިގައި އޮތީ 57 ޕޮއިންޓާއެކުގައެވެ. ވެލެންސިއާ އޮތީ ތާވަލުގެ 17 ވަނައިގައެވެ. އެއީ ރެލިގޭޝަން ޒޯނަށްވުރެ އެންމެ ޕޮއިންޓެއް ކުރިއެވެ.


