ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނާ ގޮތުގައި، މި ސީޒަނަކީ އޭނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ކުރިމަތިލާން ޖެހުނު "އެންމެ އުނދަގޫ" ސީޒަނެވެ. އަދި އޭނާގެ ޓީމުގެ ކުޅުން ހުރީ "ލިވަޕޫލްގެ ފެންވަރުގައި ނޫން" ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އާދީއްތަ ދުވަހު މެންޗެސްޓަރ ސިޓީ އަތުން ބަލިވުމާ އެކު، ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން މިވަގުތު އޮތީ ތާވަލުގެ ހަވަނަ މަގާމުގައެވެ. އެއީ ފަސްވަނައިގައި އޮތް ޗެލްސީއަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުގައެވެ. ލިވަޕޫލާއި ހަތްވަނައިގައި އޮތް ބްރެންޓްފޯޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވާއިރު، ސިޓީގެ ރަޔާން ޗެރްކީ ޖެހި ތިންވަނަ ލަނޑު ބާތިލު ނުކުރި ނަމަ، ގޯލުގެ ތަފާތުން ލިވަޕޫލް ތާވަލުގެ އިތުރަށް ތިރިއަށް ދިޔައީހެވެ.
ޖޫން 2024 ގައި ޔާގަން ކްލޮޕްގެ ބަދަލުގައި ލިވަޕޫލާ ހަވާލުވި ސްލޮޓް ވަނީ އޭނާގެ ފުރަތަމަ ސީޒަނުގައި އެ ކްލަބަށް 20 ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްދީ ރެކޯޑަކާ އަރާ ހަމަކޮށްފައެވެ.
ނަމަވެސް، މިދިޔަ ހޫނު މޫސުމުގައި އާ ކުޅުންތެރިން ހޯދުމަށް ގާތްގަނޑަކަށް 450 މިލިއަން ޕައުންޑް ހޭދަކޮށްފައިވީ ނަމަވެސް، މި ސީޒަނުގައި އެ ޓީމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ތެރޭގައި ބްރިޓިޝް ރެކޯޑް އަގެއް ކަމަށްވާ 125 މިލިއަން ޕައުންޑަށް އެލެގްޒެންޑަރ އިސާކް ގަތުން ހިމެނެއެވެ.
2025-26 ގެ ލީގު ސީޒަނުގައި މިހާތަނަށް ލިވަޕޫލް ވަނީ 11 މެޗުން މޮޅުވެ، 6 މެޗުން އެއްވަރުވެ، އަދި 8 މެޗުން ބަލިވެފައެވެ.
ބީބީސީ ސްޕޯޓްސްއިން މިއީ އޭނާގެ ކެރިއަރުގައި ކުރިމަތިލީ އެންމެ އުނދަގޫ ސީޒަންތޯ ސުވާލުކުރުމުން ސްލޮޓް ބުންޏެވެ: "ވަރަށް ބޮޑަށްވެސް އާނއެކޭ ބުނާނީ. މީގެ ކުރިން އަހަރެން ކޯޗުކޮށްދިން ހުރިހާ ސީޒަނެއްގައިވެސް ފެނުނީ ހަމައެކަނި ރަނގަޅު ކަންތައްތައް.
"މީގެ ކުރިން ދުވަހަކުވެސް ޖެހިޖެހިގެން ދެ މެޗުން ބަލިވި ހަނދާނެއް ނެތް. މިއީ އަހަންނަށް އާދަޔާ ހިލާފު ކަމެއް،
"ފަހު 17 މެޗުގެ ތެރެއިން ބަލިވީ އެންމެ ދެ މެޗޭ ބުނެގެން އަހަރެމެން ހިތްހަމައެއް ނުޖެހޭ. އެއްވަރުވުމަކީވެސް ބަލިވުން ފަދަ ކަމެއް.
"ލިވަޕޫލްގެ ފެންވަރަކީ ކޮބައިކަން ކުޅުންތެރިންނަށް އެނގޭ، އަދި އަހަރެމެންގެ ކުޅުން އެ ފެންވަރަކު ނެތް. އެ މާޔޫސްކަން އެމީހުންނަށް އިހުސާސްކުރެވޭ."
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް އާންމުކޮށް ހޮވޭ ހަތަރު ޓީމުގެ ބަދަލުގައި، ޕްރިމިއަރ ލީގުން ފަސް ޓީމު ހޮވުމުގެ ފުރުސަތު ބޮޑެވެ.
އެހެންނަމަވެސް، އަންގާރަ ދުވަހު އޭނާ ބުނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުކުރުމަށްޓަކައި އޭނާގެ ޓީމުގެ ކުޅުން "ފުރިހަމަކަމާ ގާތްކުރަން" ޖެހޭނެ ކަމަށެވެ. އަދި އެ މުބާރާތުން ޖާގަ ނުލިބިއްޖެނަމަ ވާނެ ގެއްލުން އޭނާއަށް އެނގެއެވެ.
"އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ނުކުޅެވޭނަމަ، މިއީ އެއްގޮތަކަށްވެސް ކާމިޔާބު ސީޒަނެއް ނޫން،" ފޭނޫޑްގެ ކުރީގެ ކޯޗު އިތުރަށް ބުންޏެވެ.
"އަހަރެން މިތަނަށް އައިސް ހަމައެކަނި ފެޑެރީކޯ ކިއޭސާ ސޮއިކުރުވީ ޔޫރޮޕާ ލީގު ސީޒަނަކަށް ފަހު. އެކަމުގެ ސަބަބުން ކްލަބު ހިންގާ ގޮތަށް ވަރަށް ބޮޑު އަސަރެއްކުރި. އެކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ."
ލިވަޕޫލް ދެން ބައްދަލުކުރާނީ، އަމިއްލަ ދަނޑުގައި ބަލިނުވެ އޮތް ސަންޑަލޭންޑާއެވެ.
ސްޓޭޑިއަމް އޮފް ލައިޓްގައި ކުޅޭ މި މެޗަށް ނުކުންނައިރު، ސްލޮޓަށް ކަނާތް ފަރާތު ބެކްގެ މަގާމަށް ކުޅުންތެރިން ހޯދުމުގައި ދަތިތަކެއް އެބަހުއްޓެވެ. އެ މަގާމަށް ކުޅެމުން އައި ޑޮމިނިކް ސޮބޮސްލާއީ، ސިޓީ މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން ހުރީ ސަސްޕެންޝަނުގައެވެ.
ކޯނަރ ބްރެޑްލީ ސީޒަނުގެ ބާކީ ބަޔަށް ކުޅުމާ ދުރުގައި ހުރިއިރު، ޖެރެމީ ފްރިމްޕޮންގް ވަނީ ގަރަބާގް މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައެވެ. އަދި ޖޯ ގޯމޭޒްވެސް ހުރީ އަނިޔާގައެވެ. މީގެ އިތުރުން ފޯވާޑް އިސާކް އަދި ސެންޓަރ ބެކް ޖިއޮވާނީ ލިއޯނީވެސް ތިބީ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައެވެ.
"މޮޅުވުމަށްފަހު ޓީމު ގޮވައިގެން ނުކުތުމަށްވުރެ، ބަލިވުމަކަށް ނުވަތަ އެއްވަރުވުމަކަށް ފަހު ޓީމު ލީޑުކުރުން ތަފާތު. އެކަމަކު މި ކްލަބުގެ އެއްވެސް މީހަކު އަހަރެން މުޅިން ބަދަލުވެއްޖެ ކަމަކަށް ގަބޫލެއް ނުކުރާނެ،" ސްލޮޓް ބުންޏެވެ.
"މި ސީޒަނުގައި އަދިވެސް ހާއްސަ ކަމެއް ހާސިލުކުރުމުގެ ފުރުސަތު އެބައޮތް."


