އޮޑި އާއި ނިއު ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ : އަދަދު ސްޕޯޓްސް

ޤައުމީ މުބާރާތުގެ ކުޅުން ފަށައިފި

ޤައުމީ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފޯރިގަދަ ކުޅުން މިދިޔަ އަންގާރަ ދުވަހު ރަސްމީކޮށް ފަށައިފިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް 1 ގައި ހިމެނޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބުރު ސްޕޯޓްސް ކްލަބެވެ.

އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާއެވެ. މާޒިޔާއަށް މި މެޗުން މޮޅުކޮށްދިން ހަމައެކަނި ލަނޑު ޖަހައިދިނީ އެޓީމުގެ އަޒަރުބައިޖާން ޑިފެންޑަރު ނާޒިމް މަމަދުޒާދާ އެވެ. މެޗުގެ 18 ވަނަ މިނެޓްގައި މާޒިޔާއަށް ލިބުނު ކޯނަރަކުން ހުރަސްކުރި ބޯޅަ، އެޓީމުގެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި އައުމުން، ނާޒިމް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މުޅި މެޗަށް ބަލާއިރު ބުރު ސްޕޯޓްސް ކްލަބުން ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް، އެޓީމަށް ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭގޮތެއް ނުވިއެވެ.

މުބާރާތުގެ ގްރޫޕް 2 ގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް އޮޑި ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ނިއު ރޭޑިއަންޓުންނެވެ. މެޗުގެ 12 ވަނަ މިނެޓްގައި ހަންނަ ހުރަސްކޮށްދިން ބޯޅައެއް އަލްހާޖީ ޖެރޯ ބޮލުން ފޮނުވާލުމުން، އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ޔާޔާ އެވެ. ކްލަބް އޮޑިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ދެވަނަ ހާފުގައެވެ. 54 ވަނަ މިނެޓްގައި އޮޑީގެ މުޒުދާން ނިއުގެ އޭރިޔާ ތެރެއަށް ވަދެ ބޯޅަ ގޯލަށް ފޮނުވާލަން އުޅުމުގެ ތެރޭގައި، ނިއުގެ ޑިފެންޑަރެއް ބޯޅަ ސާފުކޮށްލަން އުޅެނިކޮށް ބޯޅަ ވަނީ ބައިކޮޅަށެވެ.

މި މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. އެދުވަހުގެ ހަވީރު ކުޅޭ މެޗުގައި ގްރޫޕް 2 ގެ ނިއު ރޭޑިއަންޓް ބައްދަލުކުރާނީ ކްލަބް އީގަލްސްއާއެވެ. އަދި ހުކުރު ދުވަހުގެ ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

ޤައުމީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެފައިވާ 6 ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕް 1 ގައި ހިމެނެނީ ދިވެހި ޕްރެމިއަރލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން އޮޓަމެޓިކުން ކޮލިފައިވި މާޒިޔާ އާއި ބުރު ގެ އިތުރުން ޕްލޭއޮފްގައި ޓީސީ ބަލިކުރި ވިކްޓަރީއެވެ. ގްރޫޕް 2 ގައި ހިމެނެނީ ދިވެހި ޕްރެމިއަރލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން އޮޓަމެޓިކުން ކޮލިފައިވި ނިއުރޭޑިއަންޓް އާއި އޮޑި ސްޕޯޓްސްގެ އިތުރުން ޕްލޭއޮފްގައި ގްރީން ސްޓްރީޓްސް ބަލިކުރި އީގަލްސްއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ