ބަޔާން މިއުނިކްގެ ފްރާންސް ޑިފެންޑަރު ދަޔޫ އުޕަމެކާނޯ، 2030 ވަނަ އަހަރުގެ ނިޔަލަށް އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފައިވާކަން އެ ކްލަބުން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.
އުމުރުން 27 އަހަރުގެ އުޕަމެކާނޯގެ ކުރީގެ ކޮންޓްރެކްޓް ހަމަވާން ކުޑަދުވަސްކޮޅަކަށް ވެފައިވުމުން، އޭނާ ހިލޭ ޓްރާންސްފާއެއްގައި ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް، އޭނާ ވަނީ އޭނާގެ ކެރިއަރުގެ އެންމެ މުހިންމު އަހަރުތައް ބަޔާންގައި ހޭދަކުރުމަށް ނިންމާފައެވެ.
މިއީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ސްޕެއިން އަދި ފްރާންސްގެ ބޮޑެތި ކްލަބްތަކަށް ލިބުނު ބޮޑު މާޔޫސްކަމެކެވެ.
މި ނިންމުމާއެކު، ބަޔާންގެ ޑިފެންސްގެ މުހިންމު ތަނބެއް ކަމަށްވާ އުޕަމެކާނޯގެ ކޮންޓްރެކްޓް އާކުރުމަށް އެ ކްލަބުން ކުރަމުންދިޔަ ބުރަ މަސައްކަތް ކާމިޔާބުވެ، މަސްތަކެއް ވަންދެން އުފެދިފައި އޮތް ނުތަނަވަސްކަން ވަނީ ނިމުމަކަށް އައިސްފައެވެ.
2021 ވަނަ އަހަރު އާރް.ބީ ލައިޕްޒިގުން ބަޔާންއާ ގުޅުނު އުޕަމެކާނޯ ވަނީ މިހާތަނަށް އެ ކްލަބާއެކު ތިން ބުންޑެސްލީގާ ތަށި ކާމިޔާބުކޮށްފައެވެ.
މެޑްރިޑަށް ބަލާއިރު، މިއީ އެ ކްލަބުގެ ޓްރާންސްފާ ވިންޑޯގައި ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. ފްލޮރެންޓީނޯ ޕެރޭޒް ބޭނުންވީ އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ އެ ކްލަބުގެ ޑިފެންސް ވަރުގަދަކުރުމަށް އުޕަމެކާނޯ ގެނައުމަށެވެ. އޭނާގެ ކޮންޓްރެކްޓް ހަމަވާން ކައިރިވެފައި އޮތުމުން، މީގެ ކުރިން އެންޓޯނިއޯ ރޫޑިގާ އަދި ކީލިއަން އެމްބާޕޭ ގެނައި ފަދައިން، އެއްވެސް ޓްރާންސްފާ ފީއަކާ ނުލައި އޭނާ ހޯދުމަށް ރެއާލް މެޑްރިޑުން އުއްމީދުކުރިއެވެ.
އުޕަމެކާނޯ ލިބޭގޮތް ނުވުމުން، ރެއާލް މެޑްރިޑުން ދެން އެންމެ ބޮޑު އިސްކަމެއް ދޭނީ ބޮރޫޝިއާ ޑޯޓްމަންޑްގެ ނިކޯ ޝްލޮޓަބެކް ހޯދުމަށެވެ. ޖަރުމަނުގެ މި ޑިފެންޑަރު ހޯދުމަށް 50 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަދަދެއް ހޭދަކުރަން ޖެހޭނެ ކަމަށް ބެލެވެއެވެ. މެޑްރިޑަށް ކުރިމަތިވި މި ނާކާމިޔާބީއަކީ ބަޔާންއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ސަބަބަކީ ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބަޔާން ޓީމުގައި އުޕަމެކާނޯއަކީ "ބަދަލު ނުކުރެވޭނެ ފަދަ" މުހިންމު ކުޅުންތެރިއަކަށް ވެފައިވާތީއެވެ.


