އުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ޗެމްޕިއަންކަން ހދ. ނައިވާދޫން ހޮނިހިރު ދުވަހުގެ ރޭ ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ނައިވާދޫ މޮޅުވީ ގއ. ދެއްވަދޫގެ މައްޗަށް 9 ލަނޑު 3 ލަނޑުން ކުރި ހޯދައިގެންނެވެ. މިއީ ނައިވާދޫން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތާރީޚުގައި ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
ފައިނަލް މެޗު ފެށިގެން ކުޑައިރުކޮޅެއް ތެރޭގައި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) ވަނީ ދެއްވަދޫ އަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ނައިވާދޫގެ އަހުމަދު ހަމީދު (އައްމަޑޭ) ޖެހި ހިލޭ ޖެހުމަކުން ނައިވާދޫ އެއްވަރުކުރިއެވެ.
އޭގެ ފަހުން އަބްދުﷲ ޝާފިއު (ޝާއްޕެ) ޖެހި ގޯލުން ނައިވާދޫން ލީޑު ނަގާ އަނެއްކާ މުހައްމަދު ޔާމިން (ޔާންޓެ)ގެ ގޯލުން އެ ލީޑު އިތުރަށް ފުޅާކުރިއެވެ. ފުރަތަމަ ހާފު ނިމެނިކޮށް ލިބުނު ޕެނަލްޓީ އައްމަޑޭ ކާމިޔާބުކޮށް، ފުރަތަމަ ހާފު ނިމުނުއިރު ނައިވާދޫ އޮތީ 4-1 އިން ކުރީގައެވެ.
ދެވަނަ ހާފު ފެށިގެން ދެއްވަދޫން ފެށީ ވަރުގަދަކޮންނެވެ. ކައިރިކައިރީ ގިނަ ހަމަލާތަކެއް ފޮނުވާލިއެވެ. އަދި އެ ހަމަލާތަކުން ރާއްކޮގެ ދެވަނަ ގޯލުން އެ ޓީމަށް އުންމީދެއް ގެނައެވެ. އެކަމަކު ހުސެއިން މައިޝާން (ޓޯނު)ގެ ގޯލުން ނައިވާދޫ ވަނީ ލީޑު އަލުން ފުޅާކޮށްފައެވެ. މުހައްމަދު އިމްރާން (އިންމި) ދެއްވަދޫގެ ތިންވަނަ ލަނޑު ޖެހިއެވެ.
ޕަވަޕްލޭގައި ދެއްވަދޫ ކުރިއަށް ޖެހިގެން ކުޅުނު ވަގުތު ނައިވާދޫން ވަނީ ފުރުސަތުތަކުގެ ބޭނުން ހިފައިފައެވެ. ޝާއްޕެ އިތުރު ދެ ގޯލު ޖަހައި ހެޓްރިކް ފުރިހަމަކުރިއިރު، ޓޯނު ވެސް ދެވަނަ ލަނޑެއް ޖެހިއެވެ. އަދި އަބްދުﷲ ވިސާމް (ވިޝާންޓެ) ވެސް ގޯލެއް ޖަހައި، މެޗު ނިމުނީ 9-3 އިން ނައިވާދޫ މޮޅުވެގެންނެވެ.
މުބާރާތުގެ އެވޯޑުތައް
މުބާރާތުގެ ފުޓްސަލް ކިންގްގެ މަގާމު ލިބުނީ ނައިވާދޫގެ މުހައްމަދު ޔާމިން (ޔާންޓެ) އަށެވެ. ގަދަ ފަހެއްގައި ހިމެނެނީ ނައިވާދޫގެ ޔާންޓެ އާއި އައްމަޑޭގެ އިތުރުން، ދެއްވަދޫގެ އަލީ ހައިޝަމް (ޗުމްޕު) އާއި އއ. މަތިވެރީގެ އަލީ އަލްސަން އަދި ރ. ދުވާފަރުގެ މުހައްމަދު އިސާމް (ޝަންޓެ) އެވެ.
އެންމެ މޮޅު ގޯލްކީޕަރަކީ ބ. އޭދަފުށީގެ އަބްދުﷲ ނާސިހެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ތ. ތިމަރަފުށީގެ 18 އަހަރުގެ ކީޕަރު ސާއިފް އަލީއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހީ 13 ލަނޑާއެކު ށ. ކަނޑިތީމުގެ ރައުލް ނިޔާޒެވެ.
ފެއާޕްލޭ ޓީމަކަށް ކ. ގާފަރު ހޮވުނުއިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކީ ނައިވާދޫއެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ނައިވާދޫގެ ކޯޗު މުހައްމަދު ނާޝިދު އަހުމަދު ނަސީމް (ނާއްޓެ) އަށެވެ.


