ރެއާލް ސޮސިއެޑާޑް ބަލިކޮށް ވަގުތީގޮތުން ރެއާލްމެޑްރިޑް ލަލީގާގެ އެއްވަނައަށް

ސުޕަސްޓާ ކީލިއަން އެމްބާޕޭ ނުލައި ކުޅުނު ނަމަވެސް، ވިނީޝިއަސް ޖޫނިއާ ކާމިޔާބުކުރި ދެ ޕެނަލްޓީއާއެކު ރެއާލް ސޮސިއެޑާޑްގެ މައްޗަށް 4-1 އިން ކުރިހޯދައި، ރެއާލް މެޑްރިޑް ލަ ލީގާ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ޓީމުގެ ބައެއް ފަރިތަކުރުންތަކުގައި ބައިވެރިނުވެ، ވާތު ކަކުލަށް ދިމާވި އުނދަގުލަކާ ގުޅިގެން، ހޮނިހިރު ދުވަހުގެ މެޗުގައި އެމްބާޕޭ އިނީ ބަދަލު ކުޅުންތެރިންގެ ބެންޗުގައެވެ.

މެޑްރިޑްގެ ކޯޗު އަލްވާރޯ އަރްބެލޯއާ ހުކުރު ދުވަހު ބުނި ގޮތުގައި އެމްބާޕޭއަށް ކުޅެވޭނެއެވެ. ނަމަވެސް، ހަގީގަތަކީ ޓީމުގެ ތަރި އަދި ލަނޑުޖަހާ ކުޅުންތެރިޔާ އަވަސް އަރުވާލައިގެން ކުޅުމުގެ ތެރެއަށް ނެރެން ކޯޗު ބޭނުންނުވީއެވެ.

ހޭމްސްޓްރިންގް އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ޖޫޑް ބެލިންގްހަމް އާއި އެމްބާޕޭ ބަލަން ތިއްބާ، މެޑްރިޑުން ވަނީ ޓީމެއްގެ ގޮތުގައި މޮޅު ކުޅުމެއް ދައްކައި، ހުރިހާ މުބާރާތެއްގައި ބަލިނުވެ ސޮސިއެޑާޑުން ދަމަހައްޓަމުން އައި 11 މެޗުގެ ސިލްސިލާ ނިމުމަކަށް ގެނެސްފައެވެ. އަދި ހޯމަ ދުވަހު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ޖިރޯނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން، މެޑްރިޑުން ވަނީ ދެ ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ ކުރިއަށް ޖެހިލާފައެވެ.

މެޗުގެ ފަސްވަނަ މިނެޓުގައި ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ނަގައިދިން ހުރަހެއްގައި ކުޑަކޮށް ފައި ޖައްސާލައިގެން ގޮންޒާލޯ ގާސިއާ ވަނީ މެޑްރިޑަށް ލީޑު ނަގައިދީފައެވެ.

ޔަންގޭލް ހެރޭރާއަށް ކުރި ފައުލަކާ ގުޅިގެން ޑީން ހުއިސެން ދިން ޕެނަލްޓީއަކުން، 21 ވަނަ މިނެޓުގައި މިކޭލް އޮޔާޒަބަލް ވަނީ ބާރުގަދަ ހަމަލާއަކުން ނަތީޖާ އެއްވަރުކޮށްދީފައެވެ.

އޭގެ ހަތަރު މިނެޓު ފަހުން، ޖޯން އަރަމްބުރް ވިނީޝިއަސްގެ ފައިގެ ކުޑަހުޅުގައި ޖެހި ފައުލަކާ ގުޅިގެން ރެފްރީ ފްރެންސިސްކޯ ހޯސޭ ހެނާންޑޭޒް މައޭސޯ ވަނީ މެޑްރިޑަށް ޕެނަލްޓީއެއް ދީފައެވެ. 25 ވަނަ މިނެޓުގައި މި ޕެނަލްޓީ ކާމިޔާބުކުރީ ވިނީޝިއަސްއެވެ.

މެޗުގެ 31 ވަނަ މިނެޓުގައި، ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ހުސް ޖާގައިގެ ބޭނުން ހިފައި، މެޑްރިޑްގެ ކެޕްޓަން ފެޑޭ ވަލްވާޑޭ ވަނީ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތަކުން ގާސިއާއަށް އިތުރު ލަނޑެއް ޖެހުމުގެ ފުރުސަތު ލިބުނެވެ. ނަމަވެސް، ދެވަނަ ހާފުގައި އަރަމްބުރު އަނެއްކާވެސް ވިނީޝިއަސްއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ކާމިޔާބުކޮށް، ވިނީޝިއަސް ވަނީ ނަތީޖާ 4-1 އަށް ބަދަލުކޮށްލާފައެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އެލެގްޒެންޑާ-އާނޯލްޑްގެ ބަދަލުގައި ކުޅެން އަރައި، ޑެނީ ކަވަހާލް ވަނީ ގިނަ ދުވަސްތަކަކަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައިސްފައެވެ. މިއީ އޮކްޓޯބަރު މަހު ބާސެލޯނާ އަތުން 2-1 އިން މެޑްރިޑް ބަލިވި މެޗަށްފަހު އޭނާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ 90 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ބޮލުން ފޮނުވާލި ހަމަލާއަކުން ވިނީޝިއަސް ހެޓްރިކް ފުރިހަމަކުރި ކަމަށް ހީވި ނަމަވެސް، އެއީ އޮފްސައިޑް ލަނޑެއް ކަމަށް ރެފްރީ ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ