ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ހާސިލުކުރެއްވި ފުޓްބޯޅަ ލެޖެންޑް މޫސާ މަނިކު (ކުޑަމޫސަ ) / ފޮޓޯ: ރައީސް އޮފީސް

ސްޕޯޓްސް އެވާޑްސް 2025 ބާއްވައިފި

އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ގައި އެންމެ މޮޅު އެތުލީޓުންގެ މަގާމު ޓީޓީ ތަރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި މޫސާ މުންސިފް އަހުމަދު އަދި ބޮޑީބިލްޑިންގެ އަޒްނީން ރަޝާދު އާއި އީމާ އަބްދުއްސައްތާރު ހޯދައިފިއެވެ.

ސަރުކާރުން 2022 ވަނަ އަހަރު ބާއްވަން ފެށި މި އެވޯޑް ހަފްލާ މި ފަހަރު ބޭއްވީ 2024 ވަނަ އަހަރުގެ ކާމިޔާބީތަކަށް ހާއްސަކޮށްގެން ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ މޮޅު އެތުލީޓުންގެ ޝަރަފު

އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީން އެންމެ މޮޅު އެތުލީޓުންގެ މަގާމު ހޯދީ ޓީޓީ ތަރި ދީމާ އާއި މުންސިފެވެ. މިއީ ދީމާ މި ޝަރަފުވެރި އެވޯޑް ހާސިލްކުރި ތިން ވަނަ ފަހަރެވެ. އެންމެ މޮޅު އޮލިމްޕިކް ކުޅިވަރު އަންހެން އެތުލީޓުންގެ ދެ ވަނަ ހޯދީ ވޮލީ ތަރި އާއިޝަތު މާޖިދާ އާއި ފާތިމަތު ޖޫޒާން ޒަރީރެވެ. ފިރިހެން ކެޓަގަރީގައި މުންސިފްގެ ފަހަތުން ދެ ވަނައަށް ވޮލީބޯޅައިގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ހޮވުނުއިރު، ތިން ވަނައަށް ދިޔައީ މުހައްމަދު ރިހާން ޝިހާމެވެ.

ނޮން އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީން އެއް ވަނަ ހޯދީ ބޮޑީބިލްޑަރުން ކަމަށްވާ އަޒްނީން އާއި އީމާއެވެ. މިއީ އަޒްނީން މި އެވޯޑް ހާސިލްކުރި ދެ ވަނަ ފަހަރެވެ. އަޒްނީންގެ ފަހަތުން ދެ ވަނައަށް ޝާހީން އިބްރާހިމް ދީދީ ހޮވުނުއިރު، ތިން ވަނައަށް ދިޔައީ އަހްސަން ރަޝީދެވެ.

ޒުވާން އެތުލީޓުންގެ ކާމިޔާބީ

އަހަރުގެ އެންމެ މޮޅު ޒުވާން އަންހެން އެތުލީޓަކީ ވެސް ދީމާއެވެ. ދެ ވަނައަށް ޓީޓީ ކުޅުންތެރިޔާ މިޝްކާ މުހައްމަދު އިބްރާހިމް ހޮވުނުއިރު، ތިން ވަނައަށް ދިޔައީ ފެތުންތެރިޔާ ތަޒްކިޔާ އަމްނާ މިރުސާދެވެ.

އެންމެ މޮޅު ޒުވާން ފިރިހެން އެތުލީޓުގެ މަގާމު ރިހާން ހޯދިއިރު، ދެ ވަނައަށް ޓީޓީ ކުޅުންތެރިޔާ ޒީކް ހަސަން ލަތީފް ހޮވުނެވެ. ތިން ވަނަ ލިބިފައިވަނީ ޓީޓީ ކުޅުންތެރިޔާ އުމޭރު މުހައްމަދު މުއިއްޒަށެވެ.

ވަކިވަކި ކުޅިވަރުތަކުގެ އެއް ވަނަ

ވަކިވަކި ކުޅިވަރުތަކުން އެއް ވަނަ ހޯދި ކުޅުންތެރިންނަށް ބަލާއިރު:

  • އެތުލެޓިކްސް: ހަސަން ސާއިދު އަދި ފަސޫހާ އަހުމަދު
  • ބެޑްމިންޓަން: ފާތިމަތު ނަބާހާ އަބްދުރައްޒާގް (ނަބާ) އަދި މުހައްމަދު ޒަޔާން ޝަހީދު ޒަކީ
  • ޓީޓީ: ފާތިމަތު ދީމާ އަލީ އަދި މޫސާ މުންސިފް އަހުމަދު
  • ފެތުން: ތަޒްކިޔާ އަމްނާ މިރުސާދު އަދި މުހައްމަދު ރިހާން ޝިހާމް
  • ވޮލީބޯޅަ: އާއިޝަތު މާޖިދާ އަދި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)
  • ޗެސް: ނިހާޔާ އަހުމަދު އަދި މުހައްމަދު ޝުއާއު
  • ކެރަމް: އާމިނަތު ވިދާދު އަދި އިސްމާއީލް އަޒްމީން
  • ބޮޑީބިލްޑިން: އަޒްނީން ރަޝާދު
  • ބޯޑީބޯޑިން: އަލީ ހުޝްރުވާން (ކުޑަ އައްޔަ)
  • ހޭންޑްބޯޅަ: ފާތިމަތު ޖުމާން އަދި މުހައްމަދު ފިރުނާޝް
  • ނެޓްބޯޅަ: އީމާ އަބްދުއްސައްތާރު
  • ބިލިއާޑް: އާމިނަތު އަޒުރާ އަދި ހުސައިން ފަޔާޒު
  • ޝޫޓިން: އާއިޝަތު ޔޫހާ އިމްތިޔާޒު އަދި އިބްރާހިމް ޝިފާން
  • ޓެނިސް: އާރާ އާސަލް އަދި އަބްދުﷲ ފާއިހް ފަޒީލް
  • ކްރިކެޓް: ޔޫސުފް އަޒްޔާން ފަރުހަތު

ހާއްސަ އެވޯޑްތައް

މި ފަހަރުގެ އެވޯޑް ހަފްލާގައި ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބުނީ ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މޫސާ މަނިކު (ކުޑަ މޫސަ) އާއި މުހައްމަދު ނަދީމް (ނަދީމްބެ) އަށެވެ.

ސްޕެޝަލް ރިކޮގޮނިޝަން ކެޓަގަރީން ސްޕެޝަލް އޮލިމްޕިކްސް އެތުލީޓްގެ އެވޯޑު ހޯދީ މުހައްމަދު އައްޝަލް އާދަމް އާއި މަރްޔަމް ޒިވާ ޒާހިރެވެ.

ކުޅިވަރު މީޑިއާގެ ދާއިރާއިން ސްޕޯޓްސް ވިޝުއަލް އާޓިސްޓްގެ އެވޯޑް ނައުޝަމް ވަހީދު ހޯދިއިރު، އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑް ހޯދީ އިސްމާއީލް ޝާހެވެ. އަދި ކުޅިވަރު ނޫސްވެރިޔާ ހަސަން ސާއިދުގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ އެވޯޑް ވެސް ވަނީ ދީފައެވެ.

ނޮމިނޭޝަން ހުށަނޭޅި އެސޯސިއޭޝަންތައް

މި ފަހަރުގެ އެވޯޑަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ނޮމިނޭޝަން ފޮނުވާފައެއް ނުވެއެވެ.

2024 ވަނަ އަހަރު ރާއްޖޭގައި ފުޓްބޯޅައިގެ ގައުމީ ލެވެލްގެ މުބާރާތްތަކެއް ބޭއްވިފައިނުވާއިރު، ބާސްކެޓްބޯޅައަށް ބޭއްވުނީ އެންމެ މުބާރާތެއް ކަމުން ނޮމިނޭޝަން ހުށަނޭޅުމަށް ނިންމީ ކަމަށް މައުލޫމާތު ލިބެއެވެ. ސާފިން އެސޯސިއޭޝަނަށް ނޮމިނޭޝަން ހުށަހެޅުނީ މުއްދަތު ހަމަވި ފަހުންނެވެ.

މިނިސްޓްރީން ބުނީ 2025 ވަނަ އަހަރުގެ ކާމިޔާބީތަކަށް ހާއްސަ އެވޯޑް ހަފްލާ މި އަހަރުގެ ފަހުކޮޅު ބާއްވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ