ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެފްއޭއެމްއިން ބޭއްވި ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ސީއެޗްއެސްއީ މާލެއިން ކާމިޔާބުކޮށްފިއެވެ.
މާލޭގެ ހަތަރު ސްކޫލަކަށް ދައުވަތު ދީގެން ބޭއްވި މި މުބާރާތުގައި ވާދަކުރީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި، ސީއެޗްއެސްއީ މާލެ އަދި ސީއެޗްއެސްއީ ހުޅުމާލެއެވެ.
މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާ ވާދަކޮށް ސީއެޗްއެސްއީ މާލެ މޮޅުވީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ސީއެޗްއެސްއީ މާލެއިން މި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ މޮޅުވެފައެވެ.
ފައިނަލް މެޗުގެ ހުރިހާ ގޯލެއް ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. ސީއެޗްއެސްއީ މާލެއަށް ލީޑް ނަގައިދިނީ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އަޙްމަދު މިކްޔަލްއެވެ. ނަމަވެސް އަޙްމަދިއްޔާއިން ވެސް ޕެނަލްޓީއެއް ކާމިޔާބުކޮށް 64 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރިއެވެ. އެ ޕެނަލްޓީ ގޯލަށް ވަނީ ސީއެޗްއެސްއީ މާލޭގެ ކީޕަރުގެ އަތުގައި ޖެހިފައެވެ.
ސީއެޗްއެސްއީ މާލެއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ޝާމިލެވެ. 70 ވަނަ މިނެޓުގައި ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ފާއިޒެވެ. މެޗުގެ 82 ވަނަ މިނެޓުގައި ހަތަރުވަނަ ލަނޑު ޖަހައި ނަތީޖާ ޔަގީންކޮށްދިނީ ފުރަތަމަ ގޯލް ވެސް ޖެހި މިކްޔަލްއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއެޗްއެސްއީ މާލޭގެ ނާޝިއު އަޙްމަދު ޝިހާމެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މިކްޔަލްއެވެ.


