ޕްރެޒިޑެންޓް ކަޕް 2025 ގެ ގްރޫޕް ސްޓޭޖް ހޯމަ ދުވަހު ނިމި، އޮޑި އެފްސީ އާއި މާޒިޔާ އެ ދެ ޓީމުގެ ގްރޫޕުން އެއްވަނަ ހޯދައިގެން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.
ގްރޫޕްފަހު މެޗުގައި އޮޑި އާއި އީގަލްސް ބައްދަލުކުރި މެޗު 4 ލަނޑު 2 ލަނޑުން ކާމިޔާބު ކުރީ އޮޑިއެވެ. ހޯމަ ދުވަހު ހަވީރު ކުޅުނު ގްރޫޕް 2 ގެ ފަހު މެޗުގައި އީގަލްސް ވަނީ 20 ވަނަ މިނިޓުގައި އިބްރާހީމް މަހުދީ ޙުސައިން (ފޭދޫ އިއްބެ) ދިން ބޯޅައަކުން އިސްމާޢީލް ޢީސާ (މެސީ) ކާމިޔާބުކުރި ގޯލުން ލީޑު ނަގާފައެވެ.
ދެވަނަ ހާފުގައި އޮޑީގެ ނަތީޖާ އަނބުރާލީ އުމުރުން 18 އަހަރުގެ އަޙްޒަމްގެ ދެ ގޯލުންނެވެ. އެއްވަރުކުރި ގޯލު 59 ވަނަ މިނިޓުގައި އޭނާ ކާމިޔާބުކުރީ ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. އަދި ލީޑު ނެގި ލަނޑު 71 ވަނަ މިނިޓުގައެވެ.
އޮޑީގެ ތިންވަނަ ލަނޑު 87 ވަނަ މިނިޓުގައި ޖެހީ އަޙްމަދު އައިހަމް (އައިހު) އެވެ. އަދި 90 ވަނަ މިނިޓުގައި ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ އަޙްމަދު އަޔާޒް (އަޔާ) އެވެ.
އިތުރު ވަގުތުގައި އީގަލްސްގެ ދެވަނަ ލަނޑު ޖެހީ ފޭދޫ އިއްބެ އެވެ.
މި ނަތީޖާއާ އެކު ގްރޫޕް 2 ގެ އެއްވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުން ކުރި ހޯދައިގެން އޮޑި އެފްސީ އަށެވެ. ދެވަނަ ލިބުނީ ނިއު ރޭޑިއަންޓަށެވެ.
ގްރޫޕް 1 ގެ ފަހު މެޗުން މާޒިޔާ މޮޅުވީ ޤައުމީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވިކްޓަރީ 2-0 އިން ބަލިކޮށްފައެވެ.
ހޯމަ ދުވަހުގެ ރޭ ކުޅުނު ގްރޫޕް 1 ގެ ފަހު މެޗުގައި މާޒިޔާ ވަނީ ވިކްޓަރީގެ މައްޗަށް 2-0 އިން ކުރި ހޯދާފައެވެ. މެޗުގެ ދެ ގޯލު ވެސް މާޒިޔާ އިން ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ.
ލީޑު ނެގީ 36 ވަނަ މިނިޓުގައި ސާޖިއޯ މެންޑީ ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓު ފަހުން ދެވަނަ ގޯލު ކާމިޔާބުކުރީ ޙައިޝަމް ޙަސަން (ބިޑި) އެވެ.
މި ނަތީޖާއާ އެކު ގްރޫޕް 1 ގެ އެއްވަނަ ލިބުނީ މާޒިޔާ އަށެވެ. ދެވަނަ ލިބުނީ ބުރު ސްޕޯޓްސް ކްލަބަށެވެ.
ސެމީ ފައިނަލް
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 20 ފެބްރުއަރީ ދުވަހުގެ ރޭ 10:00 ގައި ބައްދަލުކުރާނީ ގްރޫޕް 1 ގެ އެއްވަނަ މާޒިޔާ އާއި ގްރޫޕް 2 ގެ ދެވަނަ ނިއު ރޭޑިއަންޓެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި 21 ފެބްރުއަރީ ދުވަހުގެ ރޭ 10:00 ގައި ބައްދަލުކުރާނީ ގްރޫޕް 2 ގެ އެއްވަނަ އޮޑި އެފްސީ އާއި ގްރޫޕް 1 ގެ ދެވަނަ ބުރު ސްޕޯޓްސް ކްލަބެވެ.
ޕްރެޒިޑެންޓް ކަޕް 2025 ގެ ފައިނަލަށް ދަތުރުކުރާނެ ދެ ޓީމު ކަށަވަރުވާނީ މި ދެ ސެމީ ފައިނަލް މެޗު ނިމުމުންނެވެ.


