ޤައުމީ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ހުކުރު ދުވަހުގެ ރޭ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވެ، ޕެނަލްޓީ ޝޫޓްއައުޓުގައި 6-5 އިން ކާމިޔާބުކޮށް މާޒިޔާ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.
ފޯރިގަދަ މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައި ދެ ގޯލުގެ ލީޑެއް ނަގައިފައެވެ. މާޒިޔާގެ ފުރަތަމަ ގޯލު 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމް (ފަތޯ) އެވެ. އޭގެ 13 މިނެޓު ފަހުން 40 ވަނަ މިނެޓުގައި ފަތޯ ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައި މާޒިޔާގެ ލީޑު ފުޅާކޮށްދީފައެވެ.
ނަމަވެސް ދެވަނަ ހާފުގައި ނިއު ރޭޑިއަންޓުން ވަނީ ތަފާތު ކުޅުމެއް ދައްކައި މެޗު އެއްވަރުކޮށްފައެވެ. ދެވަނަ ހާފު ފެށިގެން އެންމެ ފަސް މިނެޓުގެ ތެރޭގައި ބިދޭސީ ފޯވާޑް ޖެރޯ ވަނީ ނިއުގެ ފުރަތަމަ ގޯލު ޖަހައި ފަރަގު ކުޑަކޮށްދީފައެވެ. އެއަށްފަހު 66 ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް އަޝްފާޤު ޖެހި ގޯލާއެކު ނިއުއިން މެޗު 2-2 އިން އެއްވަރުކޮށް، މެޗު ޕެނަލްޓީއަށް ގެންދިޔައެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި މާޒިޔާގެ ގޯލްކީޕަރު ޙުސައިން ޝަރީފް މޮޅު ކުޅުމެއް ދެއްކިއެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި މާޒިޔާގެ ކީޕަރު ޙުސައިން ޝަރީފް ވަނީ ނިއުގެ ޔާޔާ އާއި އަޝްފާޤު ޖެހި ދެ ޕެނަލްޓީ މަތަކޮށްފައެވެ. ނިއުގެ ފަރާތުން ސެންޓޭ އާއި ޙުޝާމް އަދި ޖެރޯ ޕެނަލްޓީ ކާމިޔާބުކުރިއެވެ. މާޒިޔާގެ ފަރާތުން ހަމްޕު އާއި ނާޒިމް މަމަދުޒާދާ އަދި އައިހަމް އޮބެން ޕެނަލްޓީ ކާމިޔާބުކުރިއިރު، އަހުސަމް ޖެހި ޕެނަލްޓީ ނިއުގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 24 ފެބްރުއަރީ ވާ އަންގާރަ ދުވަހުގެ ރޭގައެވެ. ފައިނަލުގައި މާޒިޔާއާ ދެކޮޅަށް ނުކުންނާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ދެވަނަ ސެމީ ފައިނަލް މެޗުންނެވެ. އެ މެޗުގައި ބައްދަލުކުރާނީ މި މުބާރާތުގައި އަލަށް ވާދަކުރާ އޮޑި އާއި ބުރެވެ.


