ޤައުމީ ފުޓްބޯޅަ މުބާރާތް ނުވަތަ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ބުރު ސްޕޯޓްސް ކްލަބާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ އޮޑި ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
މި މުބާރާތުގައި އަލަށް ވާދަކުރާ މި ދެ ޓީމު ބައްދަލުކުރި ސެމީ ފައިނަލްގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް، ފުރަތަމަ ހާފުގައިވެސް މެޗުގެ ކުޅުން ކޮންޓްރޯލްކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ އޮޑި ސްޕޯޓްސް ކްލަބުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު އޮޑިން ކާމިޔާބުކުރީ ދެވަނަ ހާފު ފަށައިގެން 51 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެ ޓީމުގެ މިސްރު ޑިފެންޑަރު އިސްލާމް ފެކްރީ ބޮލުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ރީތި ލަނޑެކެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، މެޗުގެ 62 ވަނަ މިނެޓުގައި އޮޑީގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި އަހުޒަމް ރަޝީދު (އަހު) އެވެ.
މި ކާމިޔާބީއާއެކު، ފައިނަލްގައި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރަން ޖެހޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެވެ. މާޒިޔާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ބައްދަލުކޮށް، ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.
މިއީ ފުރަތަމަ ޑިވިޒަންގައި މިއަހަރު އަލަށް ކުޅެން ފެށި އޮޑި ސްޕޯޓްސް ކްލަބުން މި ސީޒަންގައި ކުޅޭ ދެވަނަ ފައިނަލެވެ. މީގެ ކުރިން މި ސީޒަންގެ ލީގު ކަޕްގެ ފައިނަލްގައިވެސް ބައްދަލުކުރީ މި ދެ ޓީމެވެ. އެ މެޗުން އޮޑި ބަލިކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ މާޒިޔާއެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ފޯރިގަދަ ފައިނަލް މެޗު އޮންނާނީ ކުރިއަށް އޮތް އަންގާރަ ދުވަހުގެރޭ 22:00 ގައި ގަލޮޅު ރަސްމީ ދަނޑުގައެވެ.


