އޮޑީގެ ކުޅުންތެރިން ޓްރޮފީ އުފުލާލަނީ / ފޮޓޯ : އަދަދު ސްޕޯޓްސް

މާޒިޔާ ބަލިކޮށް އޮޑިން ޗެމްޕިއަންކަން ހޯދައިފި

ފުރަތަމަ ޑިވިޜަންގައި އަލަށް ވާދަކުރި އޮޑި ސްޕޯޓްސް ކްލަބުން، ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް، މިއަހަރުގެ ޤައުމީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ މާޒިޔާއިންނެވެ. މެޗުގެ އެންމެ 3 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. ނަމަވެސް އޮޑި ކްލަބުން ވަނީ މެޗުގެ 12 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވާޑް ކިއާނޫ މާޝް-ބްރައުން އެވެ.

ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި އޮޑި ސްޕޯޓްސް ކްލަބުން ކުރިހޯދީ 5-6 ގެ ނަތީޖާއަކުންނެވެ.

ޕެނަލްޓީތަކަށް ބަލާއިރު، މާޒިޔާގެ ފުރަތަމަ ތިން ޕެނަލްޓީ ހަމްޒާ މުޙައްމަދު (ހަމްޕު)، ނާޒިމް މަމަދްޒާދާ އަދި އިލާން ކާމިޔާބުކުރިއެވެ. އޮޑި ކްލަބުގެ ފުރަތަމަ ޕެނަލްޓީ ބާނަބާސް ކާމިޔާބުކުރި ނަމަވެސް، އިއްބެ ފޮނުވާލި ދެވަނަ ޕެނަލްޓީ މާޒިޔާގެ ކީޕަރު ހުސައިން ވަނީ މަތަކޮށްފައެވެ. އަދި އޮޑީގެ ތިންވަނަ ޕެނަލްޓީ ހޮކޭ ފޮނުވާލުމުން ބޯޅަ ޖެހުނީ ގޯލުގެ ހުރަސްދަނޑީގައެވެ.

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ މާޒިޔާގެ ހަތަރުވަނަ ޕެނަލްޓީ އާއި ފަސްވަނަ ޕެނަލްޓީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އޮޑި ކްލަބުގެ ކީޕަރު ޝަފީއު މަތަކުރުމުންނެވެ. މާޒިޔާގެ އައިސަމް އާއި އަހުމަދު އައިހަމް ފޮނުވާލި ޕެނަލްޓީތައް ޝަފީއު ދިފާއުކުރިއިރު، އޮޑީގެ ކިއާނޫ އާއި ފަސްވަނަ ޕެނަލްޓީ ޖެހި ކުޅުންތެރިޔާ ވަނީ އެ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ.

މާޒިޔާގެ އޮބެން ލަނޑު ޖެހިއިރު އޮޑީގެ އަޓަންޑާ ވެސް ވަނީ ލަނޑު ޖަހާފައެވެ. މާޒިޔާގެ ހަތްވަނަ ޕެނަލްޓީ ކުރޯ އަތުން ނާކާމިޔާބުވިއިރު، އޮޑި ކްލަބަށް ތަށި ކަށަވަރުކޮށްދިނީ އައިހު ކާމިޔާބުކުރި ޕެނަލްޓީންނެވެ.

މި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޮޑި ސްޕޯޓްސް ކްލަބުގެ އަހުޒަމް ރަޝީދު (އަހު) އެވެ. މިއީ ފުރަތަމަ ޑިވިޜަންގައި އަލަށް ވާދަކުރި ޓީމަކުން ރާއްޖޭގެ އެންމެ ޝަރަފުވެރި އެއް މުބާރާތް ކާމިޔާބުކުރި ތާރީޚީ ފަހަރެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ