މަނަދޫ އަޒީގެ ޅެންހާރު: ޕާޓީ ނިޒާމުން ކިހިނެއްވީ؟

*ރާގު! ޢިޝްޤުނުވިނަމަ ދޭހުގައި.،…
މޮޅުނިޒާމުން ގެއްލިދިޔައީ ތަނުގެ ޤަދަރާ ހައިބަތޭ
އޮޅުލަމުންގޮސް ބާރުނެތުނީ އިހު ތަނަށްއޮތް ޙުރްމަތޭ
އޮޅިމުޅީންއޮޅި ބުއްދިޙައިރާން (ކޮށްލި ހައިޖާނުގެތެރޭ 2)
"ދޮޅިފުރައި ނޭވާލަނީ" އަދު ތަނުގެ ރީތި ސަގާފަތޭ
އިޖްތިމާޢިއްޔަތުގެ ފޭރާން (ވީދިގޮސް ކުދިކުދިވުމުން 2)
"ހިޖުރަކުރުމަށް ކަމަރުބަނދެލީ" ތަނުގެ މާތްވިކަރާމަތޭ
އިމްތިޔާޒާ ބާރުވެރިކަން (ފެތުރިގެންދިޔަބާރުގައި 2)
"އިމްތިޙާނުން ފޭލުކޮށްލީ" ރީތި އަޚްލާޤިއްޔަތޭ
އިސްޖަހާލަންޖެހި އަމާނާތް (ދިޔަހިނދުން ތެދުވެރިކަމާ 2)
އިސްނަގައި ހަމައިސްކޮޅަށް ދެމިލީ ނުބައިވި ޚިޔާނަތޭ
ގަދަލިބޭހެން މުޅިތަނަށް (ފަތުރާލި މިނިވަން ފިކުރަކުން 2)
ޤަދަރުކުޑަކޮށް ފަނޑުކުރީ އިސްލާކަމުގެ ޝަޚްޞިއްޔަތޭ
"ވިކަވިކާ ތަދުކޮށްލުމުން" (އިޙްސާސްވީ ހިތްދަތިކަމުން 2)
ބިކަވެ ބިމުގައި ދާންމިޖެހުނީ އިޖްތިމާޢީ ޢަދާލަތޭ
މަތިވި މިނިވަންކަން ގޮތެއްނެތި (ފެތުރިގެންދިއުމާއެކީ 2)
ކަތިވެދާންފެއްޓީ މުޅީން މީހުންގެ އަބުރާ ޢިއްޒަތޭ
ލަދުގެ ފަރުދާތައް ފަޅާލައި (ބޭރުވީމާ "ރަތްރޮނގު" 2)
"ތަދު ހިތަށްވަދެގެން" ފިލަނަދުއްވައިގަތީ ޤައުމިއްޔަތޭ
ޝަރަފުވެރިކަން އަނގަވަތަށް (ވައްޓައިލުމުން މަގުތައްމެދަށް 2)
"ބަރަހަނާވެދަނީ" ދިމާއަށް ތަން މިއަދުއޮތް ޙާލަތޭ
19 އެޕަރީލް 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *