މަނަދޫ އަޒީގެ ޅެންހާރު: މަލްޓިޕާޓީ ރިވެތި ސިފަތައްހޭ؟

*ރާގު! ދޭހުގައި ހިނގަމުންމިދާ.،…
ކޮންކަމެއްގެ ނުފޫޒުގައިހޭ ޙާލުމިފަށަށް ވެއްޓުނީ؟
އޮންނަރީތި އުސޫލުތައް މުޖްތަމަޢުތެރެއިން ގެއްލުނީ؟
ބޮންތަކާ ބަޑިތައްހިފައިގެން ދޭހަމަލަތައް ނޫނަކަސް
ކޮންމެކަމަކުންވެސް ދެކޮޅުވެރިކަން އުތުރި ކެކިގަންނަނީ؟
ހިތްތަކަށް މީހުންގެވަރުގަދަ އިންގިލާބުތަކެއްއައިސް
ފިތްކަނޑައިގެންދާވަރުގެ ފާޙިޝް ޢަމަލުތައް ހިންގަނީ؟
ވާދަވެރިކަންއުފެދި ބައިބައިވުން އެ ފާލުންނެއްޓިގެން
އާދައެއްކަމުގައި މަލާމާތާ ހަޖޫ މި ވެފައި ވަނީ؟
ހެޔޮކަމެއްކޮށްގެންއުޅޭ މީހަކު އުޅޭނަމައީ މިތާ
ހެޔޮބަހެއްނެއްތާ ނުބައިތުހުމަތުގެ އިނގިލި މަޅައިލަނީ؟
ކޮންމެމީހަކުވެސް އެމީހާ ބުއްދިއަށްފެނި އަންނަގޮތް
އެންމެމޮޅުގޮތްކަން އެއީ ދައްކަންވެގެން ގަދަދައްކަނީ؟
ބާރުހުރި މީހުންގެ ބާރާ އަދި ނުފޫޒާ މުޅިތަނަށް
ބާރުގަދަ ހަތިޔާރަކާ އެއްފަދަގޮތަށް ފޮނުވައިލަނީ؟
އެންމެމަތިވެރި ޞުލްޙަޔާ އިންސާފު މަޞްލަޙަތާ ތިނެތި
"ވެންޓިލޭޓަރުގައި" ކިޔެއްހޭ ޙާލުދެރަވާން މިޖެހުނީ؟
ބޮޑުބޮޑުންނާ ލޮޑުލޮޑުންނާ ފަރަގުވެވިގޮސް އިންތިހާ
"ގޮނޑުހޮވާކާ" ދަރަޖަޔަށް އެއްބަޔަކުވެއްޓެން މިޖެހުނީ؟
ފަލްސަފާއިން އޭގެ މޮޅުކަން ހާމަކޮށް ދައްކާލަދިން
"މަލްޓިޕާޓީ" ރިވެތި ސިފަތައްހޭ މިހިރަ ފެނިގެންދަނީ؟
21 އެޕްރީލް 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *