މަނަދޫ އަޒީގެ ޅެންހާރު: މީވާނެ ގޮތް

ހަސަދަޔާ ފިތުނައިގެ އަލިފާން ހުޅުފަޅައި ރޯވީމައެއް
މަޞްލަޙަތު ނޯންނާނެއޭ ފެންނާކަށެއް އެތަނެއްގައެއް
ދެކޮޅުވެރިކަން އޭގެފުރިހަމަ އިސްކޮޅަށް ހިންދެމިލަމުން
އެކޮޅުމިކޮޅަށް ދުވެނަގާނޭ އެއްތަނެއްގައި ނުވެމަޑެއް
އަދަބު އަޚްލާޤާ ސުލޫކާ މާދުރައް ކޮއްޕާލަމުން
ބަދަލުހިފުމުގެ ރޫޙު ތެދުވާނޭ އެކުންމާ ނުވެ ލަހެއް
ޖަދަލުކުރުމާ ގެރިޒުވާބުގެ މަގުމަތީ ބާޒާރަކަށް
ބަދަލުވުމަކަށް މުޖްތަމަޢު ނުނަގާނެއޭ މާ ގިނައިރެއް
އިޖްތިމާޢީ މާތް ޢަދާލަތު އޭގެއަސަރު ނުވާފަށަށް
ހިޖުރަކޮށް ދާނޭ ތަނުން ހިންދެމިލުމަށްނެތި ޖާގައެއް
ތަނުގެ ބާރުވެރީންކަމަށް ދާނީވެ މަކަރާ ޙީލަތޭ
ފަނުފުލުން ލާނީއެހިނދު ހުރި ރަބގަޅުހުރިހައި ސިފަތަކެއް
ހީލަމުން އަންނާނެޔޭ ކެހިވެރިކަމާ އޮޅުވާލުމާ
ދީނަކަށް އަދި ޤައުމަކަށް އެއްވެސްކަހަލަނެތި ޙުރްމަތެއް
ކޮންމެމީހަކުވެސް އަނެއްމީހާ މުޅީންދެރަކޮށްލުމަށް
ކޮންމެފަދަވި ނުބައިކަމެއް ކޮށްފާނެޔޭ ނެތި ޖެހިލުމެއް
24 އެޕްރީލް 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *