މަނަދޫ އަޒީގެ ޅެންހާރު: މަރްޙަބާ! މަނަދޫ ފުޓްބޯޅަޓީމު

 

*މަނަދޫ ސްޕޯޓްސްކްލަބުގެ ފުޓްބޯޅަޓީމަކީ ފަޚްރުވެރި ތާރީޚެއްއޮތް ޓީމެއް.
މިއީ މީގެ 32 އަހަރުކުރީ (1994)ގެ ހަނދާނެއް. އޭރުއޮންނަ އަތޮޅު
ފުޓްބޯޅަމުބާރާތުގައި މަނަދޫ ސްޕޯޓްސްކްލަބުގެނަމުގައިނުކުމެ އަތޮޅުގެ ރަށްރަށާ ވާދަކޮށް ފަޚްރުވެރި ޗެމްޕިއަންކަން މަނަދޫ ސްޕޯޓްސްކްލަބުހޯދި. އެކަމުގެ އުފަލުގައި ޓީމަށް މަރްޙަބާދެންނެވުމަށް މަނަދޫ ރައްޔިތުންގެފަތާތުންބޭއްވި ޙަފްލާގައި ހުށަހަޅައިދިން ލަވަމީ.
ރާއްޖޭގެ ފުޓްބޯޅައަށް އައިހީނަރުކަމުގައި އެކަން މި ކްލަބުންވެސް ތަޙަންމުލްކުރި. އެހެންނަމަވެސް އަތޮޅުތެރޭގައިހިންގާ އެކި
މުބާރާތްތަކާ ޒޯނުފަދަ މުބާރާތްތަކުގައި ބައިވެރިވަމުންއައުމުން ރަށުން
ފުޓްބޯޅައިގެ ރޫޙު މަރެއްނުވޭ.
މިހާރު ރާއްޖޭގައި އަލުން ފުޓްބޯޅައިގެ އާބާބެއް ހުޅުވުމުން
ކްލަބުގެ ފޯކަސްހުރީ އާއުސްމިންތަކަކަށް ވާސިލުވުމަށް. މުޅިރަށުގެ
ސަޕޯޓް ޓީމަށްއެބައޮތް. އެންމެބޮޑުސަބަބަކީ ޓީމުގައި ހުސްރަށުގެދަރީން
ހިމެނޭކަން. ކުދީންގެ ޅަކަމާއެކު އެކުދިންގެ ޢާއިލާތަކުން އެމީހުންގެ
ދަރީންނަށްޓަކައި އެދަނީ ޤުރްބާންވަމުން. އެކުދީންނަކީ އެމީހުންގެފަޚްރު
ކަމުގައު ދެކެމުން.
އަނެއްސަބަބަކީ ޓީމުގެ ފަހަތުގައިތިބީ ޒިންމާދާރު ވަރަށް ހީވާގި އެހައިމެ ހިތްވަރުގަދަ ފަހުލަވާނުންތަކަކަށްވާކަން. ޚާއްޞަކޮށް ކައުންސިލުގެ ދައުރު މިކަމުގައި ވަރަށް ބޮޑުކަން ފާހަގަކުރަން.
މިހާރު ޓީމުގައި ގިނައިންތިބީ އޭރުއަދި އުފަންވެސްނުވާ
ކުދިންކަން މިފުރުޞަތުގައި ފާގަކުރަން.
*ރާގު! ދިރުމަކުން މުޅިދީބުއެކީގައި ޚިދްމަތުންގުޅިލައިފިއޭ……
މަރްޙަބާ މަނަދޫގެ ޖައްވުން އަދުވަނީ ގުގުމާފައޭ
ހަރުއަޑުން ޝުކުރާ ތަހާނީ ރާގުތައް ފަތުރާފައޭ
އެންމެހައި އަޚްނާއި އުޚްތުން އެކުވެގެން އެއްބާރުގައި
އެންމެއެދެވޭ ރޫޙުގައި އެއްބައިވެގެން އެއްޖޯޝުގައި
ފެންނަ ހިނިތުންވުންތަކާއެކުގައިވަނީ ގުޅިލާފައޭ
ފަޚްރުވެރި އެއްވަނަ ރަށަށްތިޔަ ހޯއްދަވައިދެއްވެވިޔަތީ
އަހުލުނަށް ހިތްހަމަޖެހުން ފުރިހަމަ ގެނެސްދެއްވެވިޔަތީ
އަހުރަވެތި ހިތްތަކުގެ ޝުކުރުވަނީމި ބަންޑުންކޮށްފައޭ
ހިތްވަރާއެކުގައިކުރެއްވެވި ހިންމަތަށް ސާބަސްދެމުން
ހިތްތަކަށް ފިނިކަންގެނެސްދެއްވެވިޔަތީ ނަޒަރެއްދެމުން
އިންތިހައިދަރަޖައި ލޯބިން އަޑުވަނީ އުފުލާފައޭ
ފަރިވެ ފޮޅެމުންދާ ނުހަނުފަރި މާމަލުން ދަސްތާގަތައި
އަރިއަހަށް ބަރުތީލަކުރަމުން ހިތުގެ ޢުމްޤުން ލޮބުވަތައި
ފަރިކުރާ އުންމީދުތައް އެއްކޮށް ހިތުންނެރެލާފައޭ
ޢީދެކޭމީ މަނަދުއަށްއައި ނޭނގުނަސް ރޫޙީގޮތުން
ވީދިފައިވީ ހިތްތަކަށް ރޫޙެއްއަލުން އައު ކޮށްދެމުން
ވީނިހާއީ އުފަލުގައި ހިތްތައްވަނީ ފޮޅިލާފައޭ
ކާމިޔާބީއަށް ތި ހޯއްދެވި ފަށްފަށުން ކުރަމުން ޝުކުރު
ދާއިމަށް އެދެމުން އިލާހުގެ އެންމެމަތިވެރިވީ ނަޞުރު
ހާމަކޮށް ހެޔޮހައި ދުޢާއިން އަޑުވަނީ އުފުލާފައޭ
21 އެޕްރީލް 1994
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *