ބަރަކާތްތެރި ޢަޟްހާ ޢީދު ފާހަގަކުރާއިރު މުންކަރާތްތަކުން ދުރުހެލިވުމަށް ރާއްޖޭގެ ޢިލްމުވެރިންގެ ގުޅުމުން އިލްތިމާސްކޮށްފިއެވެ. ޢިލްމުވެރިންގެ ގުޅުމުން މިގޮތަށް އިލްތިމާސްކުރީ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި " ޢީދު ފާހަގަކުރުމުގެ ނަމުގައި ދީނީ އަދި އިޖުތިމާއީ މިންގަނޑުން ބޭރުވެ ، އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ، ފާޙިޝްކަންތަކާއި މުންކަރާތްތަކަށް އަރައިގަތުމަކީ ، މާތް ﷲ ތަޢާލާ މަތިވެރި ކުރައްވާފައިވާ މިފަދަ ދުވަސްތަކެއްގެ ޙުރުމަތް ކަނޑާލުމުގެ ތެރެއިންވާކަމެއް ކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ކަންކަމަކީ އެކަލާނގެ ކޯފާއާއި ޢަޛާބަށް ހުށައެޅިދާނެކަމެއް ކަމަށާއި މާތް ﷲ ދެއްވި ހިދާޔަތަށް ޝުކުރުވެރިވުމުގެ ބަދަލުގައި ، އުރެދުންތަކަށް މަގުފަހިވާ ކަންކަން ކުރުމަކީ ނިޢުމަތްތަކަށް ކުފުރުވެރިވުންކަމަށް ކީރިތި ޤްުރުއާންގައި މާތް ﷲ އިންޒާރު ކުރައްވާފައިވާކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
މި ބަޔާނުގައި ޢަޟްހާ ޢީދުގެ އެކިއެކި ޙަރަކާތްތައް އިންތިޒާމު ކުރުމުގައި އުޅޭ ފަރާތްތަކުން މާތް ﷲ ޢަޛާބަށް ބިރުވެތިވުމަށް އިލްތިމާސް ކުރުމާއެކު ، ސަމާލުކަންދޭންވީ ކަންކަން ބަޔާން ކުރައްވާފައިވެއެވެ. އެގޮތުން
- ޢީދު ކުޅިވަރުގެ ނަމުގައި ދެ ޖިންސު މަސްހުނިވެ ، ލަވަޔާއި މިއުޒިކުގެ ޙަރަކާތްތައް ބޭއްވުމާއި ފިރިހެނުންނާއި އަންހެނުން ވެސް ޢައުރު ނިވާ ނުވާ ގޮތަށް ހިންގާ ހުރިހާ ޙަރަކާތްތަކުންނާއި ، އިސްލާމީ އަދަބު އަޚްލާޤާ ޚިލާފު އެންމެހާ ކަންކަމުން ދުރުހެލިވުން .
- ކުޅިވަރުގެ ފޯރީގައި އިސްލާމްދީނުގެ އެންމެ މުހިއްމު ތަނބުކަމުގައިވާ ފަރުޟު ފަސް ނަމާދު ލަސްކުރުމާއި ، ނަމާދަށް ފަރުވާކުޑަކުރުމުގެ ނުބައި ފާފައިން ދުރުހެލިވުން .
- ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ، ރަށު ކައުންސިލްތަކާއި ، ޖަމްޢިއްޔާތަކުން ޢީދު ޙަރަކާތްތައް ރާވަންވާނީ ދީނީ މިންގަނޑަށް ފެތޭނެހެންނެވެ. އަދި ބެލެނިވެރިންވެސް ، އެބޭފުޅުންގެ ދަރިން ބައިވެރިވާ ޙަރަކާތްތައް ހިންގަނީ އިސްލާމްދީނުގެ އިމުގެ ތެރޭގައިތޯ ގާތުން ބަލާ ފާރަވެރިވުން
- ޢީދަކީ ހަމައެކަނި ކުޅިވަރާއި މަޖަލެއް ނޫނެވެ. އެއީ ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުމާއި ، ހަދިޔާ ބަދަލުކުރުމާއި ، މުސްލިމުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާއި ، ފަޤީރުންނާއި މިސްކީނުންނަށް އެހީތެރިވުން އިތުރުކޮށް ހެޔޮކަންކަން ދިރުވާ އާލާކުރުން
މިފަދަ ކޮންމެ މުނާސަބަތެއްގައި ހިންގާ ދީނާ ޚިލާފުކަންކަން ނުކުރުމަށް ރާއްޖޭގެ ޢިލްމުވެރިން އަބަދުވެސް ގޮވާލައްވައެވެ. އަދިވެސް ރާއްޖޭގެ ބަޔެއް ރަށްރަށުގައި ޢީދު ފަދަ ޙުރުމަތްތެރިވެގެންވާ ދުވަސްތައް ފާހަގަކުރުމުންދަނީ ގިނަ މުންކަރާތްތައް ހިމަނައިގެންކަން ފާހަގަކުރެވެއެވެ. އަދި ދީނުގެ އިމުގެ ތެރެއިން ޢީދު ފާހަގަކުރާ އުޅެނީ ރާއްޖޭގެ ނިސްބަތުން ވަރަށް މަދު ރަށްރަށެއްގައެވެ.



ކިޔުންތެރިންގެ ޚިޔާލުތައް:
ރާއްޖޭގެ ޢިލްމު ވެރިންނޭ ކިޔާމީހުންގެ ހާލަތު ވަނީ އެމީހުން ދޭ އިރުޝާދު ތަކަށް އަމިއްލަޔަށް ބޯނުލެބޭ ގާލަތުގައެވެ.
ދިވެހި ކޮންމެ މީހަކީ މުސްލިމެއް އެމީހުންނަށް އިގޭ ހަރާމް ކަންތަކާ ހަލާލު ކަންތައް ޢީދުގެ ކުޅިވަރުތައް އެމީހުން ކުރިޔަށް ގެންދާނީ ހުއްދަ ގޮތުގައެވެ