ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) ޤައުމީ ޓީމު ތަމްސީލުކޮށް 100 މެޗު ކުޅެދީ، ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި މި ލަނޑުދަނޑި ހާސިލުކުރި ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދައިފިއެވެ. މިއީ ދިވެހި ކުޅިވަރުގެ ދިގު ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
ފީފާ ސެންޗަރީ ކްލަބުން ޖާގަ ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔަކީ ރާއްޖޭގެ ކުރީގެ އެއް ނަންބަރު ކީޕަރ ޢިމްރާން މުހައްމަދެވެ. ސާކް ސަރަހައްދުން ފީފާ ސެންޗަރީ ކްލަބުގައި ދެން ހިމެނެނީ އިންޑިޔާގެ ބުޓިއާ އާއި ސުނިލް ޗެތުރީއެވެ.
2003 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅެން ފެށި ދަގަނޑޭ ވަނީ ވޭތުވެދިޔަ 22 އަހަރަށް ވުރެ ގިނަ އަހަރުގެ ތެރޭގައި ދިވެހި ފުޓުބޯޅައިގެ އެންމެ އުހަށް ވާސިލުވެފައެވެ. ޤައުމީ ޓީމަށް 50 އަށް ވުރެ ގިނަ ލަނޑު ޖަހައިދީފައިވާ ދަގަނޑޭއަކީ ދިވެހިރާއްޖޭގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސް މެއެވެ. އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ދިވެހިރާއްޖެއަށް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރުން ހިމެނެއެވެ. އެ މުބާރާތުގެ ތާރީޚީ ކާމިޔާބީއަކީ މުޅި ޤައުމު އެކަތިގަނޑަކަށް ހެދި ފަޚުރުވެރި ހަނދާނެކެވެ.
2018 ވަނަ އަހަރު ޤައުމީ ޓީމުގެ އޭރުގެ ކޯޗު ޕީޓާ ސެގަޓް ވަނީ ދަގަނޑޭ ޤައުމީ ޓީމުން ބޭރުކޮށް ބާކީކޮށްލާފައެވެ. ސަބަބެއްކަމަށް ބުނީ ނޫސް ކޮންފަރެންސްގައި ބައިވެރިނުވުމެވެ. އަދި އަހަރަކަށްވުރެއް ގިނަ ދުވަހު ޤައުމީ ޓީމާ ދުރުގައި ދަގަނޑޭ ހޭދަކުރިއެވެ.
ދެކުނު އޭޝިޔާގެ ފުޓުބޯޅައިގައި ދަގަނޑޭއަކީ ފާހަގަކޮށްލެވޭ ނަމެކެވެ. ސަރަޙައްދުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި އޭނާ ހިމެނޭ އިރު، ކުޑަ ޤައުމެއްގެ ކުޅުންތެރިއެއް ދުނިޔޭގެ ފެންވަރުގައި ވިދައިލެވޭނެކަން ދަގަނޑޭ ވަނީ ސާބިތުކޮށްދީފައެވެ.
ދަގަނޑޭގެ މި ތާރީޚީ ލަނޑުމާކާ ކުރީގެ ޤައުމީ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވެސް ވަނީ ދަގަނޑޭއަށް ތައުރީފުކޮށް، ސޯޝަލް މީޑިއާގައި ޝުޢޫރު ފާޅުކޮށްފައެވެ.
ޢުމުރުން ދޮށީ ނަމަވެސް ޤައުމީ ޓީމުގައި ދެމިހުރެ ޒުވާން ކުޅުންތެރިންނަށް މަގުދައްކައިދެމުން އަންނަ ދަގަނޑޭ ވަނީ ހިތްވަރާއި ޢަޒުމުގެ ނަމޫނާ ދައްކައިދީފައެވެ. ދިވެހި ފުޓުބޯޅައިގެ ކުރިމަގު ބިނާކުރުމުގައި ދަގަނޑޭ ކޮށައިދީފައިވާ މަގުން ދެން އަންނަ ޖީލުތައް ހިނގައި، މި ލެގަސީ ދެމެހެއްޓުމުގެ ޒިންމާ ޒުވާން ކުޅުންތެރިންގެ ކޮނޑުގައި އެޅިފައިވާ ކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.


