މިދިޔަ ޖޫން މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ، އަންދާޒާކޮށްފައިވާ މިންވަރަށްވުރެ %14.7 އިތުރުވެއްޖެއެވެ.
މީރާއިން ހާމަކުރެއްވި ގޮތުގައި، ޖޫން މަހު އެ އޮތޯރިޓީއަށް ޖުމުލަ 2.92 ބިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މިއީ ވޭތުވެދިޔަ 2025 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު %10.1 އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީ، ބޭންކް އިންކަމް ޓެކްސް، ގްރީން ޓެކްސް، އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން، މިއަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާކުރި ވަރަށްވުރެ %1.7 އިތުރުވުމަކީ ވެސް ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ މަތިވި ސަބަބެކެވެ.
އެ އޮތޯރިޓީން ވިދާޅުވީ، ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން އެކަނިވެސް މިދިޔަ މަހު ޖުމްލަ 465 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނޯޓިސް ފޮނުވައިގެން 286 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 79 މިލިއަން ރުފިޔާ ހިމެނެއެވެ.
ޖޫން މަހުގެ އާމްދަނީއަށް ބަލާއިރު އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޓީޖީއެސްޓީއެވެ. އެއީ ޖުމްލަ އާމްދަނީގެ %37.2 ނުވަތަ 1.08 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ %27.4 ނުވަތަ 799 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ރިޒޯޓްތަކުގެ ކުލީގެ ގޮތުގައި 411 މިލިއަން ރުފިޔާ އަދި ގްރީން ޓެކުހުގެ ގޮތުގައި 157 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީރާއިން ބުނިގޮތުގައި މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 118.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.


