މަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުއް الله , ފޮޓޯ: ޕީއެންސީ

ޕީއެންސީގެ އިންތިޚާބުތަކަށްފަހު ލީޑާޝިޕާއި އާންމު މެންބަރުން ސީދާ ގުޅުވައިދޭ ނިޒާމެއް ހަމަޖެހިގެންދާނެ: ޢަބްދުއްރަޙީމް

ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ދާއިރާތަކާއި ސްޓިއަރިން ކޮމިޓީތަކުގެ އެތެރޭގެ އިންތިޚާބާއި، އޭގެ ފަހުން ބާއްވާ ޕާޓީގެ ބޮޑު ކޮންގްރެސް ނިމިގެންދާއިރު، ރަށްރަށުގައި ތިއްބެވި އާންމު މެންބަރުންނާއި ޕާޓީގެ އިސް ލީޑަރުންނާ ސީދާގޮތުން ލާމެހިގެންދާނެ ފުރިހަމަ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ ވޯޓުލުމުގެ ހަރަކާތްތަކާ ގުޅޭގޮތުން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޢަބްދުއްރަޙީމް ވިދާޅުވީ، ޒަމާނުއްސުރެ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ފަރާތުން ލިބޭ އެންމެ ބޮޑު އެއް ޝަކުވާއަކީ ލީޑާޝިޕާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ހީނަރުވުން ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޕީއެންސީގެ ލީޑާޝިޕާއި މެންބަރުންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިކުރެވި، އެ މައްސަލައަށް ބޮޑު ޙައްލެއް ގެނެސްދެއްވާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން، ރައީސް ޑރ. މުޢިއްޒު ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅުތައް ނިންމަވާލެއްވުމަށްފަހު، ކޮންމެ ރަށެއްގައިވެސް ޕާޓީގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ކަންބޮޑުވުންތައް ސީދާ އަޑުއެއްސެވުމަށް ވަގުތު ހޭދަކުރައްވާ ކަމީ ކުރީގެ ސަރުކާރުތަކުގެ ވެރިން އަމަލުކުރައްވާފައިވާ ގޮތެއް ނޫން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ޕާޓީތައް ހިނގާ އުޞޫލުން، ހުރިހާ ވަސީލަތްތަކާއި އިންތިޒާމުތަކާއެކު ރާއްޖޭގައި މިހާރު ހިންގަމުންދާ ހަމައެކަނި ޕާޓީއަކީ ޕީއެންސީއެވެ. އަދި ހަމައެކަނި އިންތިޚާބަކާ ދިމާކޮށް ރަށްރަށަށް ގޮސް ރައްޔިތުންނާ ގާތްވުމުގެ ސިޔާސަތެއް ޕީއެންސީން ނުގެންގުޅޭނެ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ އިންތިޚާބު ނިމޭއިރު މާލެއާއި އަތޮޅުތެރެއިން 3,000 އަށްވުރެ ގިނަ މީހުން ޕާޓީގެ އެކި މަޤާމުތަކަށް ހޮވިގެންދާނެއެވެ. ޢަބްދުއްރަޙީމް ވިދާޅުވީ، މިއިން ކޮންމެ މަޤާމަކަށް އިންތިޚާބުވާ ބޭފުޅުންނަކީ އާންމު މެންބަރުންނާއި ލީޑާޝިޕް ގުޅުވައިދޭނެ ފަރާތްތައް ކަމަށާއި، މިއާއެކު ޕާޓީއާ ސީދާ ގުޅިފައި ނެތް އެއްވެސް ރަށެއް ނޯންނާނެ ކަމަށެވެ.

ޕާޓީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހުރިހާ ރަށެއްގައި މިހާރު ޤާއިމުކުރެވިފައިވާ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ޕާޓީގެ ޖަގަހަތައް ހުޅުވުމަކީ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޢަބްދުއްރަޙީމް ޔަގީންކަން ދެއްވި ގޮތުގައި، އަންނަ އޮކްޓޯބަރު މަހު ބާއްވާ ޕާޓީގެ ކޮންގްރެސް ނިމިގެންދާއިރު، ހުރިހާ އިންތިޒާމުތަކެއް ތަރުތީބުކުރެވި، ވަރަށް ހަރުދަނާ އުޞޫލެއްގެ ތެރެއިން ޕީއެންސީގެ ކަންކަން ކުރިއަށްދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ