މާލޭ ނޯތު ހާބަރުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އެ ބަނދަރުގެ 'އޭ ޒޯން' ނުވަތަ ބޮޑުތަކުރުފާނު މަގަށް ވީ ފަރާތުން އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަމަޖައްސައިފިއެވެ.
މީގެ ކުރިން މި ސަރަހައްދުގައި އަޅާފައި އޮންނަ އުޅަނދުފަހަރަށް ފެނާއި ކަރަންޓު ހޯދުމަށް 'ބީ ޒޯން' ނުވަތަ 'އެކްސްޕްރެސް ޒޯން' އަށް ބޯޓު ކައިރިކުރަން ޖެހުމުގެ ސަބަބުން ބަނދަރު ތޮއްޖެހި، ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، ލޯކަލް މާރުކޭޓު ސަރަހައްދުގެ މަގު ތަރައްޤީކުރުމުގެ މަޝްރޫޢާއެކު، އެމްޕީއެލުން ވަނީ އެމްޓީސީސީއާ ގުޅިގެން 'އޭ ޒޯން' އިން މި ޚިދުމަތް ދެވޭނެ ގޮތް ހަމަޖައްސާފައެވެ.
ނޯތު ހާބަރު އޮޕަރޭޝަންސް އެސިސްޓެންޓް މެނޭޖަރ ޖިޔާމް ސައީދު ބުނި ގޮތުގައި، މިހާރު ބޮޑުތަކުރުފާނު މަގާ ވީ ފަޅިން ޚިދުމަތް ދިނުމަށް 16 ޕޮއިންޓެއް ޤާއިމްކޮށްފައިވެއެވެ. މިއިން ކޮންމެ ޕޮއިންޓެއްގައި 3 ކަރަންޓު މީޓަރާއި 1 ފެން މީޓަރު ބަހައްޓާފައިވެއެވެ. އެމްޑަބްލިއުއެސްސީއާ ގުޅިގެން ބެހެއްޓި ފެން މީޓަރުތަކާއި ކަރަންޓު ބޮކްސްތައް ހުންނާނީ ރައްކާތެރިކަމުގެ ގޮތުން ތަޅުލެވޭ ގޮތަށެވެ. މިއާއެކު، ނޯތު ހާބަރުން އެއް ފަހަރާ 48 އުޅަނދަކަށް ކަރަންޓު އަދި 16 އުޅަނދަކަށް ފެނުގެ ޚިދުމަތް ދެވޭނެއެވެ.
މި ބަދަލާއެކު ބަނދަރުން ޚިދުމަތް ހޯދާ އުޅަނދުފަހަރުގެ ކެޕްޓަނުން ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ފާޅުކޮށްފައެވެ. އޮޑިވެރިން ފާހަގަކުރި ގޮތުގައި، މީގެ ސަބަބުން ކިއޫގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ބޯޓުތަކުގެ ޖަނަރޭޓަރު ނިއްވާލުމުން ތެލުގެ ޚަރަދަށް ބޮޑު ލުޔެއް ލިބިގެންދެއެވެ. އަދި މިއީ އަޑުގަދަވުމާއި ދުން އެރުން ކުޑަވެގެންދާނެ ތިމާވެއްޓާ ރައްޓެހި ބަދަލެއްގެ ގޮތުގައިވެސް އެފަރާތްތަކުން ސިފަކުރެއެވެ.
މީގެ އިތުރުން، ބޯޓުފަހަރު އެކި ޒޯންތަކަށް ދުއްވަން ނުޖެހި، ބަނދަރު ތަރުތީބުވުމުގެ ސަބަބުން ހިނގާ ކުދިކުދި އެކްސިޑެންޓްތައް މަދުވެ، ބަނދަރުގެ ރައްކާތެރިކަމާއި އޮޕަރޭޝަންތައް ވަނީ ކުރިއަށްވުރެ ބޮޑަށް ހަރުދަނާވެފައެވެ.


