އަންނަ އަހަރުން ފެށިގެން 2029 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު އެކުލަވާލުމުގެ ރަސްމީ މަސައްކަތްތައް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މާލީ ވުޒާރާއިން މިހާރު ވަނީ ބަޖެޓު ތައްޔާރުކުރުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން، ދައުލަތުގެ އެންމެހާ އިދާރާތަކުން ބޭސްލައިން ބަޖެޓު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ބޭސްލައިން ބަޖެޓަކީ އިދާރާތަކުން މިހާރު ހިންގަމުންދާ ޙަރަކާތްތަކާއި މަޝްރޫޢުތައް މިހާރު ހުރި ސްކޯޕުގައި ކުރިއަށްގެންދިއުމަށް ހިނގާނެ ޚަރަދުތަކެވެ. މީގެ ތެރޭގައި އަލަށް ފަށާ މަޝްރޫޢުތަކާއި، އަލަށް ނަގާ މުވައްޒަފުންގެ ޚަރަދުތަކެއް ނުހިމެނޭނެއެވެ. އޮފީސްތަކުން ބޭސްލައިން ބަޖެޓު ތައްޔާރުކުރަންވާނީ ވުޒާރާއިން ކަނޑައަޅާފައިވާ ބަޖެޓު ސީލިންގްއަށްވުރެ ބޮޑުނުވާނެހެން، 'SAP ބީޕީސީ' މޮޑިއުލް މެދުވެރިކޮށެވެ.
މި މެދުރާސްތާގެ ބަޖެޓުގެ މުހިންމު އަމާޒުތަކުގެ ތެރޭގައި ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން މެދުރާސްތާގައި ކަށަވަރުކުރުމާއި، ދައުލަތުގެ ޚަރަދުތައް އިޞްލާޙުކޮށް ކުރާ ޚަރަދާ ބައްދަލު ނަތީޖާއެއް ހޯދުން ހިމެނެއެވެ. މީގެ އިތުރުން އަސާސީ އަދި އިޖުތިމާޢީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ދިނުމުގައި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދިނުމާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން ވެސް ހިމެނެއެވެ.
މާލީ ވުޒާރާގެ އިރުޝާދުގައިވާ ގޮތުން، ބަޖެޓުގައި މުވައްޒަފުންގެ ޚަރަދު ހިމަނަންވާނީ މި ޖުލައި މަހުގެ ނިޔަލަށް ހިނގަމުންދާ އަދި ހުއްދަދީފައިވާ މަޤާމުތަކަށް އެކަންޏެވެ. އިތުރުގަޑިއާއި އެލަވަންސްތައް މިހާރުވެސް ޚަރަދު ހިނގަމުންދާ ރޭޓުގައި ހިމަނަންޖެހޭއިރު، ރަސްމީ ދަތުރުތައް ރާވަންވާނީ އެންމެ ޚަރަދުކުޑަ ގޮތްގޮތަށެވެ. އަދި އޮފީސްތަކުގެ އެތެރޭގެ އަހަރީ ޖަލްސާ ފަދަ ކަންކަމަށް ބަޖެޓު ނުކުރުމަށާއި، ކޮންމެހެން ކުރަންޖެހޭ މަރާމާތަކަށް އެކަނި ބަޖެޓު ކުރުމަށް ވަނީ އަންގާފައެވެ.
ދައުލަތުގެ ހުރިހާ އިދާރާތަކުން ބޭސްލައިން ބަޖެޓު ތައްޔާރުކުރުމަށްފަހު، ކުރިއަށް އޮތް އޮގަސްޓު މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން މާލީ ވުޒާރާއަށް ހުށަހަޅަންޖެހޭނެއެވެ. ކަނޑައެޅިފައިވާ ސުންގަޑިއަށް ބަޖެޓު ނުފޮނުވާ އިދާރާތަކުގެ ބަޖެޓު އަމިއްލައަށް ތައްޔާރުކުރުމުގެ އިޚްތިޔާރު މާލީ ވުޒާރާއަށް ލިބިގެންވެއެވެ


