އެމެރިކާއާއެކު އަލުން ޞުލްޙައިގެ މަޝްވަރާތައް ފެށުމަށް ހުށަހަޅާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތައް އީރާނުން ރަސްމީކޮށް ދޮގުކޮށްފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ، މަޝްވަރާކުރުމުގެ އެއްވެސް ހުށަހެޅުމެއް ތެހްރާނުން ހުށަހަޅާފައި ނުވާނެ ކަމަށެވެ. އަދި ދެ ޤައުމުގެ މެދުގައި ވެފައިވާ ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވެއްޖެނަމަ، އީރާނުން ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. ބަޣާއީ ތުހުމަތުކުރެއްވި ގޮތުގައި، ވޮޝިންގޓަނުން ދަނީ އެއްބަސްވުމާ ޚިލާފަށް ޢަމަލުކޮށް، އީރާނުގެ ތެޔޮ ވިއްކުމަށް ހުރަސްއަޅައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އަދި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ބެލުމަށް އެދޭނެ އެއްވެސް ޤާނޫނީ އަސާސެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގައި އީރާނުގެ ނިއުކްލިޔަރ މައްސަލައާ ބެހޭގޮތުން ދާދިފަހުން ބޭއްވި ބައްދަލުވުމަކީ އެމެރިކާއާއި، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް ގުޅިގެން ހިންގި ޕްރޮޕަގެންޑާއެއް ކަމަށާއި، އޭގެއިން އެއްވެސް ނަތީޖާއެއް ނުކުމެފައި ނުވާކަމަށް ޚާރިޖީ ތަރުޖަމާނު ވިދާޅުވިއެވެ. މީގެއިތުރުން، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ މިއަދު (11 ޖުލައި 2026) ޢުމާނަށް ކުރައްވާ ދަތުރުފުޅުގައި ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަން އޭނާ ހާމަކުރެއްވިއެވެ.
މިދިޔަ ޖޫން މަހުގެ މެދުތެރޭގައި ޕާކިސްތާނުން މެދުވެރިވެގެން އީރާނާއި އެމެރިކާއިން ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތަކަކަށް އީރާނުން ޙަމަލާދިން ކަމަށް ބުނެ އެމެރިކާއިން ވަނީ އަލުން އީރާނަށް ބޮންއަޅަން ފަށާފައެވެ. މިއާއެކު މަސްރަޙު ނުތަނަވަސްވެ، އީރާނުންވެސް ވަނީ ހުސްވި ހަފުތާގައި ބަޙްރައިން، ކުވަޔިތު، ޤަޠަރު އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ޙަމަލާތަކެއް ދީފައެވެ.


