ނޭޝަންޗެޓް: އެޕިސޯޑް 2 (2026/06/25)، ފޮޓޯ: ރައީސް އޮފީސް

ދުވަސްވީ މީހުން ގިނަވާ އާބާދީއަކަށް ތައްޔާރުވުމަށް ޒުވާނުންގެ ސިއްހަތަށް އިންވެސްޓްކުރުން ލާޒިމް: ރައީސް

ޢުމުރުން ދުވަސްވީ މީހުން ނިސްބަތުން ގިނަ އާބާދީއަކާ ދިމާއަށް ދިވެހިރާއްޖެ މިސްރާބުޖަހާފައިވާ މި ދަނޑިވަޅުގައި، ޞިއްޙީ އޮނިގަނޑުތައް ދަމަހައްޓައި އެ އާބާދީއަށް އެއްބާރުލުންދިނުމަށްޓަކައި، ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުމަކީ ލާޒިމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ފާހަގަކުރައްވާފައިވަނީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

ސަރުކާރުން ޒުވާނުން ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާ މި ދަނޑިވަޅުގައި، ޤައުމުގައި އިތުރުވަމުންދާ ދުވަސްވީ މީހުންގެ އާބާދީއަށް އެއްބާރުލުންދިނުމަށްވެސް ތައްޔާރުވާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، މިއަދުގެ ޒުވާނުންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައިގެން، ދިގުދެމިގެންދާ ބަލިމަޑުކަމުން ޒުވާނުން ރައްކާތެރިކޮށް، ދުވަސްވުމާ ގުޅިގެން ކުރިމަތިވާ ބަލިމަޑުކަމާ ކުރިމަތިލާންޖެހޭ ޢުމުރު ފަސްކުރުމަށް މަސައްކަތްކުރުމުން، އުފެއްދުންތެރި މަސައްކަތްތެރީންނާއި މަދަދުވެރީން ބިނާކުރެވޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، ކެއަރ އިކޮނޮމީގައި ވުނަކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. މިފަދަ ވުނަކުރުމުން، ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ކަށަވަރުކޮށްދީ، އެފަދަ ފަރާތްތަކަށް ބޭނުންވާ އިޖުތިމާޢީ އެއްބާރުލުން ފޯރުކޮށްދީ، ޢާއިލާތަކަށް، ވަކީން ޚާއްޞަކޮށް އަންހެނުންނާއި އަންހެންކުދީންނަށް، އާމްދަނީއެއް ނުލިބޭ ގޮތަށް މީހުން ބެލުމަށް އޮންނަ އިލްތިޒާމު ލުއިކޮށްދެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދައިން މީހުންނަށް އަޅައިލުމުގެ ޚިދުމަތްތައް ހަރުދަނާކޮށްދީގެން، އިންސާނީ ކަރާމާތް ނަގަހައްޓައި، ދުވަސްވީ މީހުންނަށް މަސައްކަތްތެރި އާބާދީގައި ބައިވެރިވުމުގެ ފުރުޞަތުދީ، މިހާރަށްވުރެ ވިލުންތެރި، ޝާމިލު އަދި ފާގަތި ދިވެހިރާއްޖެއެއް ބިނާކުރެވިދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީ ބަރޯސާވަނީ ހަމައެކަނި އާބާދީގެ ކުޑަބޮޑުމިނުގެ މައްޗަށް ނޫންކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްޤީއަކީ، ޤައުމެއްގެ ޒުވާނުންގެ ފުރިހަމަ ޤާބިލިއްޔަތު ބޭނުންކުރުމަށް ޒުވާނުން ބާރުވެރިކޮށްދެވޭ މިންވަރުގެ މައްޗަށްވެސް ބަރޯސާވާކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިރާއްޖެ މިއަދު މި ވަނީ، އާބާދީގެ ނިސްބަތްތައް ބަދަލުވަމުންދާ މުހިންމު އިންތިޤާލީ މަރުޙަލާއެއްގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، މޯލްޑިވްސް 2.0 މަސައްކަތުގެ ތެރެއިން ޢާންމު ޚިދުމަތްތައް ޒަމާނީކޮށް، ސުމޭކު ބިނާރު ތަރައްޤީކޮށް، ހަރުދަނާ ސުމޭކު އިޤުތިޞާދެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 39 އިންސައްތައަކީ ޒުވާނުންކަމުގައި ވާހިނދު، ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދީ، މާނަހުރި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަކީ، މި ސަރުކާރުން އަހުމިއްޔަތުދޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިންސާނީ ތަރައްޤީގެ މި ލަނޑުދަނޑިތަކާ އެކުއެކީ، އާބާދީގެ އަދާހަމަ ތަފާސްހިސާބު އެއްކޮށް، ތަރައްޤީގެ ސިޔާސަތުތައް ބިނާކުރެވެނީ މުޖުތަމަޢަށް ބޭނުންތެރި ކަންކަމުގެ މައްޗަށްކަން ކަށަވަރު ކުރެވެމުންދާންޖެހޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، އާބާދީއާ ގުޅުންހުރި ޞައްޙަ އަދި އެންމެ ފަހުގެ މަޢުލޫމާތު ރަށުފެންވަރުގައި އަދާހަމަކުރެވޭނޭފަދަ ގޮތަކަށް އިދާރީ ދަފުތަރުތައް ހަރުދަނާކޮށް، ހެކީގެ މައްޗަށް ބިނާކޮށްގެން ނިންމުންތައް ނިންމުން އިތުރުކޮށް، ހިންގުމުގެ ޚަރަދު ކުޑަކޮށް، ދައުލަތުގެ ކުރުންތެރިކަން މިހާރަށްވުރެ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އެއްވެސް މީހެއް ބާކީނުވާނޭކަން ކަށަވަރު ކުރުމަށް ގެނެވޭ ޤާނޫނީ އިޞްލާޙުތަކުން ބާރު ލިބިގެން، އަދި ޝާމިލު މަގުޗާޓެއްގެ އެހީގައި، 2030 ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށްގެންދަވަން ގަސްދުކުރައްވަނީ، އިދާރީ ދަފުތަރުތަކާއި، ބޯހިމެނުމުގައި މިހާތަނަށް ގެންގުޅެމުންދިޔަ އުސްލޫބުތައް އެކުލަވާލައިގެން ޤާއިމުކުރެވޭ ހައިބްރިޑް އުސޫލަކުންކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ