ނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު / ފޮޓޯ: މަޖިލިސް

ގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކަށް ޑިޖިޓަލްކޮށް ގޯތި ދައްކާލައި، މިހަފުތާގައި ހަވާލުކުރަނީ

ގުޅީފަޅުން ގޯތި ދެވެންހުރި ފަރާތްތަކަށް މި ހަފުތާގެ ތެރޭގައި ޑިޖިޓަލީ ގޯތި ހުންނާނެ ގޮތް ދައްކާލައި، ގޯތި ހަވާލުކޮށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މެންބަރު ޒަމީރު ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކަނޑާއި ފަޅުތަކުން ގޯތި ދީފައިވާއިރު، އެ ތަންތަން ހިއްކުން މި ސަރުކާރަށް މަޖުބޫރުތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއެއް ކަމުގައި ވިޔަސް މި ސަރުކާރުގެ ސިޔާސަތަކީ އެ މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މިހާރު ގުޅީފަޅުގެ މަސައްކަތް ނިމި، މި ހަފުތާގެ ތެރޭގައި ހުރިހާ ފަރާތްތަކަށް ޑިޖިޓަލްކޮށް ގޯތި ފެންނާނެހެން ބަލައި، ގޯއްޗާ ހަވާލުވުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އެ ބިންތަކުގައި ވަށާފާރު ރޭނުމުގެ ފުރުސަތުވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ގިރާވަރު ފަޅުގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެތަން ހިއްކުމުގެ މަސައްކަތް މަޑުޖެހުނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކަމަށެވެ. ނަމަވެސް މި މަހުގެ ތެރޭގައި ބާކީ އޮތް 50 ވަރަކަށް ހެކްޓަރު ހިއްކަން ފެށޭނެ ކަމަށާއި، މަސައްކަތް ނިމުނުހާ އަވަހަކަށް ހައްގުވެރިންނާ ގޯތި ހަވާލުކުރާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކައި، މިހާރު ގޯތި ހަވާލުކޮށް ނިމިފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވިޔަސް މަޝްރޫއެއް ފަށާފައިވާނަމަ އެ މަޝްރޫއެއް ކުރިއަށް ގެންގޮސް ނިންމުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ އެޖެންޑާގެ ތެރެއިން ކުރީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ބައެއް ދަތިތަކާ ކުރިމަތިވާކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ