ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު

މުޅި ރާއްޖޭގެ ރައްކާތެރިކަން ކަށަވަރުކުރާނީ ކައުންސިލްތަކާއި މުޖުތަމަޢާ ގުޅިގެން: ސީޕީ

މުޅި ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކާއި މުޖުތަމަޢާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު މުންތަޒިމް އިބްރާހީމާއި، ކާށިދޫ ކައުންސިލްގެ ރައީސް ޞަބާޙް މުޙައްމަދު އަދި ކައުންސިލްގެ މެންބަރުންނާއެކު ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ.

ޝަހީދު ޙުސައިން އާਦަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި ސީޕީ ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގައި ލޯކަލް ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުމަކީ ފުލުހުން އަބަދުވެސް އެންމެ އިސްކަންދޭ އެއް ކަންތަކެވެ. މި ބައްދަލުވުމުގައި ކާށިދޫގެ އަމާންކަން ކަށަވަރުކުރުމުގެ އިތުރުން، ރަށުގެ އިޖުތިމާޢީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ފުލުހުންނާއި ކައުންސިލާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، ރަށަށް ދިމާވެފައިވާ އެކި ކަންބޮޑުވުންތައް ދެނެގަނެ، ކުރިމަތިވާ މައްސަލަތަކަށް އަވަސް އަދި އެދެވޭ ޙައްލެއް ހޯދުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ފަރާތުންވެސް އެއްބަސްވިއެވެ.

ބައްދަލުވުމުގައި ކާށިދޫ ކައުންސިލްގެ ރައީސްއާއި މެންބަރުން ވަނީ މިހާރުވެސް އެ ރަށުގައި މަސައްކަތްކުރާ ފުލުހުންގެ ބުރަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ފުލުހުންގެ ފަރާތުން ރަށުގެ މުޖުތަމަޢުގެ ސަލާމަތަށްޓަކައި ފޯރުކޮށްދެމުންދާ ޚިދުމަތްތަކާ މެދު ހިތްހަމަޖެހުން ފާޅުކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ