ހދ. ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމަށްޓަކައި ހދ. ހަނިމާދޫގައި ހިންގުމަށް ސަރުކާރުން ރާވާފައިވާ ހައުސިން މަޝްރޫޢަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދީ، ދަތިތަކާ ކުރިމަތިކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުއްޣަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފަޅުރަށެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ހިރިމަރަދޫގެ ރައްޔިތުންނަށް ހަނިމާދޫގައި ފްލެޓް އެޅުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަނިމާދޫ ކައުންސިލްގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި މި މަޝްރޫޢު އަވަހަށް ފެށުމަށްޓަކައި މެންބަރުގެ ފަރާތްޕުޅުންވެސް އެއްބާރުލުން ދެއްވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
އުތުރުގެ ރަށްތަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި ހިރިމަރަދުއަށް ވަޑައިގެން، އެ ރަށު މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ޚިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ޤާއިމުކުރަން އެޗްޑީސީއާ ވަނީ ޙަވާލުކޮށްފައެވެ. ނަމަވެސް، ކައުންސިލްގެ ފަރާތުން ދަތިތައް ކުރިމަތިވަމުންދާތީ މިހާތަނަށްވެސް އަމަލީ މަސައްކަތެއް ފެށިފައެއް ނުވެއެވެ.
މިނިސްޓަރު މުއްޠަލިބު ވިދާޅުވި ގޮތުގައި ހިރިމަރަދޫ ރައްޔިތުންނަށް ހިންގާ ހައުސިން މަޝްރޫޢަކީ ވަކި މަޝްރޫޢެކެވެ. އަދި ހަނިމާދޫ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުވެސް ސަރުކާރުން ވަކިން ކުރިއަށް ގެންގޮސްދޭނެ ކަމަށް ވިދާޅުވިއެވެ. "ހިރިމަރަދޫ ރައްޔިތުންނަށް މި އަޅާ ބޯހިޔަވާހިކަމާއި ހަނިމާދޫގައި އަޅާ ބޯހިޔާވަހިކަމާ ގުޅުވާނުލާށޭ. އަޅުގަނޑުމެން ދެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްދޭނަމޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ހދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އާބާދީ އެންމެ ކުޑަ ހިރިމަރަދޫ ކައުންސިލް މިހާރު އުވާލާފައިވާއިރު، އެ ރަށުގެ އިދާރީ ހުރިހާ ކަމެއް ބަލަހައްޓަމުންދަނީ ހަނިމާދޫ ކައުންސިލުންނެވެ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވަނިކޮށް، ހަނިމާދޫ ކައުންސިލުން ވަނީ ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތުވެސް ދާދިފަހުން ހުޅުވާލާފައެވެ.


