ސަރުކާރުގެ އިޞްލާޙީ ސިޔާސަތުތަކާއެކު މަސްވެރިކަމުގެ ސިނާޢަތަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، މިހާރު މިފްކޯއަށް މަސްގަތުމަށް ދެމުން އައި ސަބްސިޑީ އެއްކޮށް ހުއްޓާލާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން މަސް ކިލޯއެއް 25 ރުފިޔާއަށް ބަދަލުކުރުމުން ސަބްސިޑީގެ ގޮތުގައި އަހަރަކު ބިލިއަނުން ފައިސާ ޚަރަދުކުރަން ޖެހުނު ނަމަވެސް، މިހާރު ސަރުކާރުން މިފްކޯއަށް މަސްގަންނަން އެއްވެސް ފައިސާއެއް ނުދޭ ކަމަށެވެ. އަދި ވޭތުވެދިޔަ 40 އަހަރު ފެލިވަރު ފެކްޓްރީ ފިޔަވައި އިތުރު އިންފްރާސްޓްރަކްޗާއެއް ޤާއިމުކޮށްފައި ނުވިޔަސް، މިހާރު ހުރި 105 ޓަނުގެ ޕްރޮސެސިންގ ކެޕޭސިޓީ ތިންގުނަ ކުރުމުގެ މަޝްރޫއުތައް ބާރަށް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދުކުރާ ކާރުޚާނާއެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފައިވާއިރު، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސިޔާސީ ބޭނުމަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި، މަހަށް އަގުއެއްކޮށްގެން ބޭރުކޮށް، އަމިއްލަ ކުންފުނިތަކާވެސް ގުޅިގެން މި ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން ކަމަށެވެ.


