ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ ނާޒުކު އަދި އެންމެ މުހިންމު ސަރަޙައްދު ކަމަށްވާ "ސްޓްރެއިޓް އޮފް ހޮރްމުޒް" (ހޮރްމުޒް ކަނޑުއޮޅި) އަބަދުވެސް އޮންނަނީ ވަރަށް ނާޒުކު ފާރަވެރިކަމެއްގެ ތެރޭގައެވެ. ދުނިޔޭގެ ކަޅި ހުއްޓިފައިވަނީ ހޮރްމުޒް ކަނޑުއޮޅި އަށެވެ. މި ސަރަޙައްދުގެ މުސްތަޤްބަލާ މެދު ވިސްނާއިރު އުފެދޭ އެންމެ ބޮޑު ސުވާލަކީ، މި ސަރަޙައްދުގެ ސުލްހައިގެ މިސްރާބު ޖަހާފައިވަނީ ޙަޤީޤީ ޞުލްޙައަކަށް ތޯ، ނުވަތަ ހަމައެކަނި ހަނގުރާމައެއް ނެތް ޙާލަތެއް ތޯއެވެ؟
ތިން ހަފުތާއެއްހާ ދުވަހުގެ، ނިސްބަތުން އަމާން ދުވަސްތަކަކަށް ފަހު، ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އަނެއްކާވެސް މިވަނީ ބޮޑުވެފައެވެ. އީރާނުން ވަނީ ތިން އުޅަނދަކަށް ޙަމަލާދީފައެވެ. މިއުޅަނދުތަކުގެ ތެރޭގައި ޤަޠަރުގެ އެލް.އެން.ޖީ ޓޭންކަރަކާއި ސާފުނުކުރާ ތެޔޮ އުފުލާ ސައުދީ އަރަބިއްޔާގެ ޓޭންކަރެއް ހިމެނެއެވެ. މި ޙަމަލާތައް ދީފައިވަނީ އަންކާރާގައި ނޭޓޯގެ ސަމިޓް ކުރިއަށްދަނިކޮށެވެ. މިއާއެކު، ޔޫރަޕްގެ ނޭޓޯ މެންބަރުންނަށް އެމެރިކާގެ އެހީތެރިކަމަށް ބަރޯސާވެވޭނީ ކިހާ މިންވަރަކަށްތޯ އުފެދިފައިވާ ސުވާލާއެކު، ލީޑަރުންގެ ނަޒަރު އަނެއްކާވެސް މެދުއިރުމައްޗަށް ހުއްޓެން ވަނީ މަޖުބޫރުވެފައެވެ.
އީރާނުގެ އަމާޒުތަކަށް އެމެރިކާއިން ވައިގެ ޙަމަލާތަކެއްދީ ރައްދު ދިނުމުން، އީރާނުން ވަނީ ޤަޠަރާއި ބަޙްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާދީ ރައްދު ދީފައެވެ.
ހޮރްމުޒް ކަނޑުއޮޅީގައި ދާދިފަހުން ހިނގި މި ހަމަނުޖެހުންތަކާ އެކު، ދެ ފަރާތުންވެސް ވަނީ ބަހުގެ ހޫނު ޙަމަލާތަކެއް ބަދަލުކޮށްފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ 14 ނުކުތާގެ މައްޗަށް އެކުލެވޭ އަހުދުނާމާ މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް، ފަހުން އެމަނިކުފާނުގެ ބަސްމަގު ބަދަލުކުރައްވައި ވިދާޅުވީ، އެމަނިކުފާނުގެ މަޝްވަރާވެރިން މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދެއްވާނެ ކަމަށެވެ. އީރާނުގެ ފަރާތުންވެސް މި ޙާލަތާ މެދު އެމީހުން ދެކޭގޮތް ހާމަކުރުމުގައި ފަހަތަކަށް ނުޖެހެއެވެ.
މި ޙާލަތުގެ ސަބަބުން ނާޒުކު ޞުލްޙައިގެ މަރުޙަލާއަށާއި، ތެލުގެ ބާޒާރަށާއި، ދުނިޔޭގެ އިޤްތިޞާދަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟
14 ނުކުތާގެ އަހުދުނާމާގައި ހުރީ ވަރަށް އާންމު ވާހަކަތަކެކެވެ. އެހެންކަމުން، ދެ ފަރާތުންވެސް އެބަޔަކު ބޭނުން ގޮތަކަށް އެނުކުތާތައް މާނަކުރުމުގެ ފުރުޞަތު ބޮޑެވެ. އީރާނުން ދެކޭގޮތުގައި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާނީ ކޮންބައެއްކަން ނިންމުމުގެ ބާރު އެޤައުމަށް ލިބެންޖެހެއެވެ. ނަމަވެސް، ދުނިޔޭގެ އެހެން ޤައުމުތަކުން ބޭނުންވަނީ އދ. ގެ ކަނޑުތަކާ ބެހޭ ޤާނޫނު، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (ޔޫ.އެން.ސ.ީއެލ.ްއ.ޯއެސް) އާއި އދ. ގެ އެޖެންސީއެއް ކަމަށްވާ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގެ އޮނިގަނޑުގެ ދަށުން، އެ ކަނޑުއޮޅިއަކީ ބައިނަލްއަޤްވާމީ ކަނޑުގެ މަގަކަށް އަލުން ބަދަލުކުރުމަށެވެ.
ޔޫ.އެން.ސީ.އެލް.އޯ.އެސް އިން ބައިނަލްއަޤްވާމީ ކަނޑުގެ މަގުތައް މާނަކުރަނީ ވިޔަފާރި އުޅަނދުފަހަރަށް މިނިވަންކަމާއެކު ދަތުރުކުރެވޭ ގޮތަށް ކަނޑައެޅިފައިވާ މަގުތަކެއްގެ ގޮތުގައެވެ. ނަމަވެސް، ބަލައި ނުލެވޭ އެއް ކަމަކީ، އީރާނުން ވެސް އަދި އެމެރިކާއިން ވެސް މި މުޢާހަދާ މިހާތަނަށް ތަޞްދީޤުކޮށްފައި ނުވާ ކަމެވެ.
ލުބުނާނުގެ ޙާލަތަކީވެސް އެކި ގޮތްގޮތަށް މާނަކުރެވިދާނެ ޙާލަތެކެވެ. އީރާނުން ދެކޭގޮތުގައި ލުބުނާނުގައި ޞުލްޙަ ގާއިމުވުމަކީ، މި އެއްބަސްވުމުގެ މުހިންމު ބަޔެކެވެ. ނަމަވެސް އިސްރާއީލުން ވެސް އަދި ޙިޒްބުالله އިން ވެސް މިއަށް ފުރިހަމައަށް ޢަމަލެއް ނުކުރެއެވެ. އަދި އިސްރާއީލުން ދަނީ ލުބުނާނުގެ ސަރަޙައްދުގެ ތެރޭގައި "ސަލާމަތީ ޒޯނެއް" ބޭއްވުމަށް ބާރުއަޅަމުންނެވެ.
އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުމާގުޅޭ ގޮތުން ވެސް އެއްބަސްވުމުގައި ހުރީ ވަރަށް އާންމު ވާހަކަތަކެކެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުން އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާކަށް ބޭނުމެއްނުވެއެވެ. އެހެންކަމުން އެއްބަސްވަުމުގައި ސަމާލުކަންދީފައި ހުރީ ޔުރޭނިއަމް މަތީ ފެންވަރަށް މުއްސަނދިކުރުމުގެ ޤާބިލުކަން އީރާނަށް ލިބިފައިވާ މިންވަރަށެވެ. އީރާނުގެ ނިއުކްލިއާ މައްސަލައަށް ބޭނުންވަނީ ތަފްޞީލީ މަޝްވަރާތަކާއި، އިތުރު ސާފުކަމެވެ.
މި އެއްބަސްވުމުގައި ތަފްޞީލުތައް މަދުވުމުގެ ސަބަބުން، ދެ ފަރާތަށްވެސް އަމިއްލަ ގޮތްގޮތަށް މާނަކުރުމުގެ ފުރުޞަތު ލިބި، ފާއިތުވި މަދު ދުވަސްކޮޅު ފެނުނު ފަދަ ޙާދިސާތައް ހިނގުމުގެ ނުރައްކާ ބޮޑުވެއެވެ.
އެމެރިކާ ވެސް އަދި އީރާނު ވެސް ބޮޑު ހަނގުރާމައަކަށް ދާން ބޭނުންވާހެންނެއް ހިއެއްނުވެއެވެ. އީރާނުގެ އިޤްތިޞާދު އޮތީ ވަރަށް ބޮޑު އަނދަވަޅެއްގައެވެ. އަދި އެމެރިކާގެ ސަރުކާރަށް ނޮވެމްބަރު މަހުގެ ކުރީކޮޅު ބާއްވާ މިޑްޓާރމް އިންތިޚާބާ ކުރިމަތިލާން ޖެހެއެވެ. މިހާރު ކަންތައްތައް ހުރިގޮތުން، އަޅުގަނޑުމެންނަށް ހަގީގަތުގައިވެސް އުންމީދު ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ ޙަޤީޤީ ޞުލްޙައެއް ނޫނެވެ. އޭގެ ބަދަލުގައި ފެންނަން އޮތީ ހަމައެކަނި ހަނގުރާމައެއް ނެތް ޙާލަތެކެވެ. އެހާލަތަކީ، ތަޅާފޮޅުމެއް ނެތް ނަމަވެސް، އަސްކަރީ ބާރުގެ ސަބަބުން ހިފެހެއްޓިފައިވާ ބިރުވެރި ހިމޭންކަމެކެވެ.
ތެލުގެ ބާޒާރަށް ކުރި އަސަރު
ކަންކަމަށް އަންނަ ކޮންމެ ބަދަލަކުން، ޚާއްޞަކޮށް ހަކަތައިގެ ބާޒާރަށް ބޮޑެތި އަސަރުތަކެއް ކުރަމުންދެއެވެ. ތެލުގެ އަގުތައް މަތިވަމުންދަނީ ހަމައެކަނި ހޮރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުކުރަން އުނދަގޫވުމުން އެކަންޏެއް ނޫނެވެ. އަހުދުނާމާގައި އީރާނާއި އެމެރިކާ ސޮއިކުރުމުން ތެލުގެ އަގު ދަށްވި ނަމަވެސް، ހަމަނުޖެހުންތައް އަލުން ފެށި، އީރާނުގެ ސާފުނުކުރާ ތެލަށް އެމެރިކާއިން ދީފައިވާ ވަގުތީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލުއިތައް އަނބުރާ ގެންދިއުމުން އަނެއްކާވެސް ތެލުގެ އަގުވަނީ އުފުލިފައެވެ. ފީފާއެއް ގާތްގަނޑަކަށް 80 ޑޮލަރަށް ވަނީ އަރާފައެވެ. އެމެރިކާއިން އީރާނަށް ދިން ވަގުތީ ތެލުގެ ލުއިތައް ކަނޑާލުމުން އީރާނަށް ތެޔޮ އެކްސްޕޯޓްކުރުން ވަނީ އުނދަގޫވެފައެވެ. އެހެންކަމުން، ޗައިނާ ފަދަ ޤައުމުތަކުން އަގުހެޔޮކޮށް އީރާނު ތެޔޮ ގަންނަން ފަށައެވެ. އެއީ މިފަދަ ހާލަތްތަކުގައި ޑިސްކައުންޓް ރޭޓެއްގައި އީރާނުން ތެޔޮ ވިއްކާތީއެވެ.
ދަތުރުފަތުރާއި އިންޝުއަރެންސްގެ ހުރަސްތަކުގެ ސަބަބުން ވެސް ތަލުގެ އަގު އުފެލެއެވެ. ހޮރްމުޒް ކަނޑުއޮޅިން ކުރާ ދަތުރުތައް އަދިވެސް ހަނގުރާމައިގެ ކުރިން ހުރި ހާލަތަށް އިޔާދައެއް ނުވެއެވެ. ޚާއްޞަކޮށް ދެކޮޅަށް ކުރާ ދަތުރުތައް މަދުވުމުން އެނގެނީ ކުންފުނިތައް އަދިވެސް ކަނޑުއޮޅިން ދަތުރުކުރަން ޖެހިލުންވާ ކަމެވެ. އިންޝުއަރެންސްގެ އަގު ބޮޑުވުމުގެ ސަބަބުން، ބޮޑު ރިސްކެއް ނަގައިގެން މެނުވީ އުޅަނދުތައް މި ސަރަހައްދަށް ދަތުރުކުރާކަށް ބޭނުމެއް ނުވެއެވެ. އެކަށީގެންވާ އަގުތަކެއްގައި އިންޝުއަރެންސް ނުކުރެވޭނަމަ، ދަތުރުކުރުމުގެ އުންމީދު ވަރަށް ކުޑައެވެ.
ހޮރްމުޒް ކަނޑުއޮޅި ބައިޕާސްކޮށްލައިފިނަމަ ތެލުގެ އަގަށް ބަދަލުތަކެއް ގެނެވިދާނެއެވެ. ސައުދީ އަރަބިއްޔާއާއި ޔޫ.އޭ.އީ އަށް އެއްގަމު ޕައިޕްލައިންތައް މެދުވެރިކޮށް ހޮރްމުޒް ކަނޑުއޮޅި ބޭނުންނުކޮށް ތެޔޮ އެކްސްޕޯޓް ކުރެވެއެވެ. ނަމަވެސް، ކުވައިތު، ބަޙްރައިން، ޤަޠަރު އަދި ޢިރާޤަށް މި ފުރުޞަތެއް ނެތެވެ. ބްލޫމްބާގުން ރިޕޯޓްކުރި ގޮތުގައި، އަރަބި ގަލްފުގައި ހުންނަ ސައުދީ އަރަބިއްޔާގެ ރަސް ތަނޫރާ އެކްސްޕޯޓް ޓާމިނަލުން ތެޔޮ ބަރުކުރުމަށް އޯޑަރު ދިނުމުގައި ގަންނަ ފަރާތްތަކުން އަދިވެސް ތިބީ ބަލަބަލައެވެ. ހަނގުރާމައިގެ ކުރިން ސައުދީގެ ތެލުގެ އެކްސްޕޯޓްގެ 90 އިންސައްތަ ބެލެހެއްޓި ރަސް ތަނޫރާގެ މަސައްކަތްތައް އަލުން ފަށާފައިވަނީ ދާދިފަހުންނެވެ. ފިނިމޫސުމުގެ މަސްތަކަށް ދާއިރު ތެލާއި ގޭހުގެ ޑިމާންޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް ތެލުގެ އަގަށް އަސަރު ކުރާނެއެވެ. އަދި އެހެންމެ، ޗައިނާ ފަދަ ބޮޑެތި އިޤްތިޞާދުތަކުން ތެޔޮ ގަންނަ ގޮތްތަކަކީވެސް ތެލުގެ ބާޒާރުގައި ޑިމާންޑަށް އަސަރުކުރާނެ ކަމެކެވެ.
މެދުއިރުމަތީގެ މި ކްރައިސިސްގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް މިހާރުވެސް ވަނީ އަސަރުކޮށްފައެވެ. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް އައި.އެމް.އެފުން ވަނީ 2026 ވަނަ އަހަރަށް ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރި މިންވަރު 3.5 އިންސައްތައިން 3 އިންސައްތައަށް ދަށްކޮށްފައެވެ. އަދި އެންމެ ބޮޑަށް އުނިކުރާނެ ކަމަށް ބެލެވެނީ މެދުއިރުމަތީގެ ޤައުމުތަކުގެ ކުރިއެރުމެވެ. ހަމައެއާއެކު، ހަކަތައާއި ކާބޯތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ދުނިޔޭގެ ކޮންސިއުމާ ޕްރައިސް އިންފްލޭޝަން 4.7 އިންސައްތައަށް މަތިވެދާނެ ކަމުގެ އިންޒާރުވެސް އައި.އެމް.އެފުން ދެއެވެ.
ނިންމާލަމުން ދަންނަވާލަން އޮތީ ، ދުނިޔޭގެ އިޤްތިޞާދަށް ބޭނުންވަނީ ހޮރްމުޒް ކަނޑުއޮޅި އާއި އެ ސަރަޙައްދުގެ ކަންކަން އަލުން އާދައިގެ ޙާލަތަކަށް ދާނެ އިތުބާރު ހުރި މަގެކެވެ. އެމަގަކީ ފަސޭހައިން ހިނގެން އޮތް މަގެއް ނަމަވެސް، ހިތާމައަކީ، އެ މަގަކީ ސާފު، ފަސޭހަ މަގަކަށް ވުން ދުރުކަމެވެ.


