މިދިޔަ ހަފުތާގައި ޢަރަބި ކަނޑަށް ވެއްޓުނު ޕާކިސްތާނުގެ ކޭ2 އެއާވޭސްގެ ބޮއިންގް 737 މަރުކާގެ މުދާއުފުލާ މަތިންދާބޯޓުގެ ކަޅުފޮށި ހޯދުމަށް ބައިނަލްއަޤުވާމީ އޮޕަރޭޝަނެއް ފެށުމަށް، އޭގައި ތިބި ފަސް ފަޅުވެރިންގެ އާއިލާތަކުން ގޮވާލައިފިއެވެ. މި ޖުލައި މަހުގެ 7 ވަނަ ދުވަހު ހިނގި މި ހާދިސާގައި ބޯޓު ވެއްޓުނު ސަރަޙައްދުގެ ކަނޑުގެ ފުންމިނުގައި ގާތްގަނޑަކަށް 3,000 މީޓަރު (9,800 ފޫޓު) ހުރެއެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، 2009 ގެ އެއާ ފްރާންސް ބޯޓު 447 ގެ ހާދިސާއެކޭ އެއްފަދައިން، މިހާ ފުން ސަރަޙައްދަކުން ކަޅުފޮށި ހޯދުމަށް ބޮޑު ޚަރަދެއް ހިނގާނެ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ޖެހޭނެއެވެ.
މި ބޯޓުގެ ކަޅުފޮށި ހޯދުމަށް ހުރި މައިގަނޑު ގޮންޖެހުމަކީ 27 އަހަރުވީ މި ބޯޓުގެ ލޮކޭޓާ ބީކަންތަކުގެ ބެޓެރީ ސިގްނަލް ފޮނުވޭނީ އެންމެ 30 ދުވަހުގެ މުއްދަތަށް ކަމަށްވުމެވެ. ހާދިސާގައި ގެއްލުނު ފަޅުވެރިންގެ ހަށިގަނޑުތައް ފެންނާނެ ކަމުގެ އުންމީދު ކެނޑުމާއެކު އާއިލާތަކުން މިހާރު ޣައިބުގައި ކަށުނަމާދު ކޮށްފައިވީ ނަމަވެސް، ހާމަކަން ބޮޑު ތަހުޤީޤެއް ހިންގައި ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާނުލުމަށް ކެޕްޓަން ރިޒްވާން އިދްރީސްގެ ދަރިފުޅު ޔާޝިބް ރިޒްވާން ވަނީ ގޮވާލާފައެވެ. އަދި ބޯޓުގެ އިންޖިނިއަރު މުހައްމަދު އާރިފް ސިއްދީޤީގެ ދަރިފުޅު ވެސް ވަނީ ބައިނަލްއަޤުވާމީ އެހީ ހޯދުމަށް ޕާކިސްތާނު ސަރުކާރަށް ގޮވާލާފައެވެ.
ޕާކިސްތާނުގެ ވައިގެ ދަތުރުފަތުރާބެހޭ އިދާރާއިން ބުނިގޮތުގައި، ޔޫއޭއީން ފުރައިގެން ކަރާޗީއަށް ދަތުރުކުރި މި ބޯޓުގެ ނޭވިގޭޝަން ސިސްޓަމަށް މައްސަލައެއް ދިމާވެގެން އުޅޭކަމަށް ޕައިލެޓުން ރިޕޯޓްކުރީ ރޭގަނޑު 9:18 ހާއިރެވެ. ފްލައިޓްރެޑާ24 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މައްސަލަ ރިޕޯޓްކުރިތާ 3 މިނެޓު ފަހުން މުވާސަލާތީ ގުޅުން ކެނޑި، ބޯޓުގެ އުސްމިނަށް ކުއްލި ބަދަލުތަކެއް އައުމަށްފަހު 36,550 ފޫޓު މަތިން ކަނޑަށް ވެއްޓުނީއެވެ. އާއިލާތަކުން ބުނިގޮތުގައި، އެމެރިކާއިން ގެންނަންޖެހޭ ސްޕެއާ ޕާޓްސްތަކެއް ލިބެންދެން ބޯޓު މަރާމާތުކުރަން ޔޫއޭއީގައި 10 ދުވަސް ވަންދެން ބޯޓު މަޑުކުރިއެވެ. މި ހާދިސާއަށް ހަފުތާއެއް ވީއިރުވެސް ޕާކިސްތާނު ސަރުކާރުންނާއި ކޭ2 އެއާވޭސްއިން ރަސްމީ އެއްވެސް މަޢުލޫމާތެއް ހާމަކުރަން ދެކޮޅު ހަދާފައިވެއެވެ.


