މާލޭގެ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މާލޭގައި ޕާކިން ދެ ބިލްޑިން އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއު ފެށުން މިހާތަނަށް މަޑުޖެހިފައި އޮތީ ބޭރުގެ އެހީގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. ނަމަވެސް، އިތުރަށް މަޑުކުރުމުގެ ބަދަލުގައި، މިއަހަރު މަދުވެގެން ދެ ޕާކިން ބިލްޑިންގެ މަސައްކަތް ފެށުމަށް މިހާރު ނިންމާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ޕާކިން ބިލްޑިންތަކެއް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ފާހަގަކޮށްލެވޭ ބައެއް މަޝްރޫއުތަކަކީ:
-
ހުޅުމާލޭ ފޭސް އެކެއްގައި ބެޗް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އަޅާ 13 ބުރީގެ އިމާރާތް.
-
މި އިމާރާތުގައި ދެ ފުރޮޅުލީ އުޅަނދަށް 500 އަށް ވުރެ ގިނަ ޖާގަ އަދި ހަތަރު ފުރޮޅުލީ އުޅަނދަށް 800 އަށް ވުރެ ގިނަ ޖާގަ ހިމެނޭނެ.
-
މި އިމާރާތްތައް ފަރުމާކުރަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ޓްރެފިކް ފްލޯއަށް އިސްކަންދީގެން، އަދި ވިޔަފާރިތަކަށް ޚާއްސަ ސަރަހައްދުތަކެއް ވެސް ހިމަނައިގެން.
މާލޭގެ ތޮއްޖެހުން ހައްލުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ހަމައެކަނި އުޅަނދު މަދުކޮށްގެން މި މައްސަލަ ހައްލު ނުވާނެ ކަމަށެވެ. އެހެންކަމުން، ސަރަހައްދީ އާބަން ސެންޓަރުތައް ތަރައްގީކޮށް، އާބާދީ ލާމަރުކަޒު ކުރުމަކީ މި މައްސަލައަށް އޮތް ދާއިމީ ހައްލު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ދެތިން އަހަރުން ނަތީޖާ ފެންނާނެ ކަންކަމެއް ނޫން ނަމަވެސް، މަގުތައް ހެދުމާއި ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތާއެކު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި، މާލޭގެ މަގުތައް އެއްކޮށް ތަރައްޤީކުރުމުގެ މިފަދަ ބިޔަ މަޝްރޫޢެއް މީގެ ކުރިން ކުރިއަށްގެންގޮސްފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ދައުރުގައި ކަމަށާއި، އެއަށް ފަހު، އެ މަގުތައް ބަލަހައްޓަންޖެހޭ ގޮތަށް ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މަސައްކަތް ފުރިހަމަވެގެންދާއިރު، ފެން ހިންދުމުގެ މައްސަލަ ޙައްލުކުރުމަށް ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިންގ ނިޒާމާއި، އަލިފާން ނިއްވަން ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް މަގުތަކާ އެކުލަވާލެވިގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢުގައި ނުހިމެނޭ، މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީކޮށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތަށްވެސް ޕޮޑްކާސްޓުގައި އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، މި މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތް ނިންމައި، އަންނަ ހަފުތާގައި މަގު ހުޅުވުމަށް ތައްޔާރުވަމުންގެންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މި މަސައްކަތާ ގުޅުންހުރި އިތުރު ތަފްޞީލު ދެއްވަމުން އެމަނިކުފާނު ވަނީ، އެ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނޭ ފަދަ ޕާކިންގ ސަރަޙައްދެއް ކަނޑައަޅުއްވާފައިވާނޭކަމަށް ވިދާޅުވެފައެވެ. މިގޮތަށް މި މަގު ހަދައި ނިމުމުން، އެކަމުގެ ފައިދާ ލިބޭނީ ހަމައެކަނި އެ މަގު ބޭނުންކުރާ ފަރާތްތަކަށް ނޫންކަމަށާއި، އެތެރޭގެ މަގުތަކަށްވެސް ލުއިވެގެންދާނޭކަން، މިހާރު ނިންމައި ބޭނުންކުރާ ސަރަޙައްދުގެ ޓްރެފިކް ފްލޯ އިން ސާބިތުކޮށްދޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ފިޔަވަހި ނިމުމާއެކު، ބޮޑުތަކުރުފާނު މަގުގައި އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ފެއްޓޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ، އެ މަގުގައި އެންމެ ބޮޑަށް ގާތަށް މުގުރި ހަލާކުވެފައި އޮތް ސަރަޙައްދުކަމަށާއި، މި ހުރިހައި ފިޔަވައްސެއް ފުރިހަމަކުރެވުމުން، މާލޭގެ ބާޒާރުމައްޗާއި، ވިޔަފާރި ސަރަޙައްދާއި، ޖުމުލަކޮށް ދުއްވާ ހުރިހާ ފަރާތްތަކަށް ލުއިފަސޭހަ ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭ ފަޅުން ހިއްކައިގެން މަގު ފުޅާކުރުމުގެ ސަބަބުން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ތަކުލީފެއް ނުލިބޭނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، މަގުން ބޭރަށް ނެރޭ ބައި ތަރައްޤީކުރަނީ ތިން ފަރާތުން ކީވޯލް ހުންނަ ގޮތަށް ކަމުގައި ވުމުން، އުޅަނދުފަހަރަށް ތޮށިގަނޑާ ކައިރިކުރަން ލިބޭ ޖާގަ ވާނީ އިތުރު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދަ މަޝްރޫޢުތަކުން ތޮއްޖެހުމަށް ލުޔެއް ލިބުނުކަމުގައިވިޔަސް، މާލޭ ސަރަޙައްދު ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނީ މިކަމުގެ މުލުގައިވާ ޙަޤީޤީ މައްސަލައަށް ޙައްލު ހޯދިގެންކަމުގައި އެމަނިކުގާނު ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރުން މަސައްކަތްކުރަނީ ޚިދުމަތްތަކާއި، ފުރުޞަތުތަކާއި، ބޯހިޔާވަހިކަން ލާމަރުކަޒުކޮށް، ސަރަޙައްދީ ތަރައްޤީ ގެނައުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ދުރު ރާސްތާ ޙައްލާއެކު، އޭގެ ޒާތުގައި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުވެގެންދާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މަގުހެދުމުގެ މަޝްރޫޢާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މާލޭ ސަތަޙައްދަށް އަމާޒުކޮށްގެން މިހާރުވެސް ކުރިއަށްގެންދަވަނީ، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ ދިރިއުޅޭ މި ސަރަޙައްދަށް، މި ހިނދުން މި ހިނދަށް ބޭނުންވާ ޙައްލުތައް ފޯރުކޮށްދެއްވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


